ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރަން ނިންމަވައިފި އެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، ރަސްމީކޮށް މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ. އެކަމަކު އޭގެ ސަބަބެއް އަދި ނޭނގެ އެވެ. 

މިކަމާ ގުޅިގެން ނަވީން ވެސް ފުލުހުން ވެސް އަދި މީޑިއާއާ ވާހަަކައެއް ނުދައްކަ އެވެ. 

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވަ އެވެ. 

ނަވީނާ އެކު ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. 

ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭޕްރީލް މަހުން ފެށިގެން ހަވާލުވެ ހުންނެވީ ވެސް ނަވީން އެވެ. 

މަގާމުން ރިޓަޔަކުރައްވަން ނަވީން ނިންމެވިއިރު އޭނާއާ އެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ. އެއީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް، މިހާތަނަށް މަޖިލީހުން އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ފާސްކޮށްފައެއް ނުވެ އެވެ.