ހުޅުމާޅެ 2 ގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ހިދުމަތް ކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކުޑަ ވަގުތުކޮޅަކަށް ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދާނީ ހަވީރު 4:30 އިން 4:45 އާ ދެމެދު ކަމަށާއި އެ ވަގުތު ތެރޭގައި ކަރަންޓު ކެނޑިދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރާ ސަރަހައްދުތަކަކީ:
- އެސްޓީއޯ ޓަވަރު
- އެމްޑްބަލިއުއެސްސީ ޓަވަރު
- ހިޔާ ޓަވަރު: 5 އަދި 6
- އަމާން އުދަރެސް: 8، 9، 10، 11، 12، 13، 14 15 އަދި 16
- އަމާން ދޯދި: 5، 6، 7 އަދި 8
- ވިނަރެސް: 9 އަދި 10
- އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު
ސްޓެލްކޯ އިން އަންނަނީ އެ ކުންފުނިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަބަދުވެސް އެ ކުންފުނިން ކުރެ އެވެ.