ބޮޑުތަކުރުފާނު މަގުގެ ބާޒާރު މަތީ ސަރަހައްދުގައި އަލަށް ތާރު އަޅާފައި އޮތް ހިސާބު އާންމުންނަށް މިރޭ ހުޅުވާލަން ނިންމައިފި އެވެ.  

އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އަޅާ ނިންމާލީ މިދިޔަ ބުދަ ދުވަހެވެ.  

ހައުސިން މިނިސްޓްރީން ބުނީ އެ މަގު އާންމުންނަށް ހުޅުވާލުމުގެ ކުރިން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންދާނެ ކަމަށެވެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މަގު އާންމުންނަށް ހުޅުވާލަނީ މިރެ އެވެ. 

ބާޒާރުމަތީ މަގުގައި ތާރު އަޅައި މަގު ފުޅާކޮށްފައި: މިރެއިން ފެށިގެން މަގު ބޭނުންކުރަން ފެށުމުން އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ލުއި ލިބިގެންދާނެ. -- ފޮޓޯ: އެމްޓީސީސީ
ބާޒާރުމަތީ މަގުގައި ތާރު އަޅައި މަގު ފުޅާކޮށްފައި: މިރެއިން ފެށިގެން މަގު ބޭނުންކުރަން ފެށުމުން އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ލުއި ލިބިގެންދާނެ. -- ފޮޓޯ: އެމްޓީސީސީ

އެ މަގު ފުޅާކުރަން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށިއިރު އެންމެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ އިތުރުން އެ މަގު ހަތަރު ލޭނަކަށް ފުޅާކޮށް، އެ މަގުގައި ތާރު އަޅައިފަ އެވެ.

އެ މަސައްކަތް ނިންމާލުމަށްފަހު، ދެވަނަ ފިޔަވަހީގެ ދަށުން ވަޅޯމަސް މާރުކޭޓު ނުވަތަ ސޯލްޓް ރެސްޓޯރަންޓު ކައިރިން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރުގަ އެވެ. އެ ހިސާބު ވެސް ހަދާފައި ވަނީ އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ފަހު މަގު ފުޅާކޮށްގެންނެވެ. 

ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.