ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑިތައް ހިމެނޭހެން ޖުމްލަ 69 ގޮނޑިއެއް އިންތިހާބަކާ ނުލައި ޕީއެންސީއަށް ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އަދި ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާންކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިހާބަކާ ނުލައި ބައެއް ކައުންސިލްތަކުގެ ގޮނޑިތަކަށް މީހުން އިންތިހާބު ވެފައިވާ ކަމަށެވެ.  

އިންތިހާބަކާ ނުލައި ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކުރި މީހުންގެ ނަންތައް އީސީން ވަނީ އެ އިއުލާނުގައި ހިމަނައިފަ އެވެ. 

އޭގެ ތެރޭގައި އެންމެ ގިނައީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވާދަކުރި މީހުންނެވެ. އެ ޕާޓީއަށް ވަނީ އިންތިހާބަކާ ނުލައި  ކައުންސިލްތަކުގެ 28 ގޮނޑިއެއް ލިިބިފަ އެވެ. 

އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ލިބުނީ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ތިން މީހަކަށް ވެސް ވަނީ އިންތިހާބަކާ ނުލައި ކައުންސިލްތަކުގެ ގޮނޑިތައް ލިިބިފަ އެވެ. 

  • ޕީއެންސީއަށް ލިބުނީ ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، ކައުންސިލްގެ ރައީސްގެ ގޮނޑިތައް. ހއ. ތުރާކުނު، ބ. ދޮންފަން، ކ. ގުޅި، އދ. ކުނބުރުދޫ، ވ. ފުލިދޫ، ވ. ފެލިދޫ، މ. ރަތްމަންދޫ އަދި ލ. މުންޑޫ ކައުންސިލްގެ މެންބަރުގެ ގޮނޑިތައް. ތ. ވިލުފުށި ކައުންސިލްގެ މެންބަރުގެ ދެ ގޮނޑިއެއް ލިބިފައިވޭ. އަދި ހއ. އުތީމު، ށ. މަރޮށި، ރ. ފައިނު، ރ. ކިނޮޅަސް، އއ. ހިމަންދޫ، އދ. ދިއްދޫ، ވ. ފެލިދޫ އަދި ލ. މުންޑޫގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރުން  ބ. އޭދަފުއްޓާއި ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއެއް ވެސް ޕީއެންސީއަށް ލިބިފައިވޭ. 
  • އެމްޑީޕީއަށް ލިބުނީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި
  • އަދާލަތު ޕާޓީއަށް ލިބުނީ ރ. ކިނޮޅަސް ކައުންސިލްގެ މެންބަރުގެ ގޮނޑި
  • އަމިއްލަ ގޮތުން ވާދަކޮށްގެން ލިބުނީ ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އާއި އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރުގެ ގޮނޑި އަދި ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި.

އަންހެނުންގެ ކޮމެޓީތަކުގެ ގިނަ ގޮނޑިތައް ވެސް ޕީއެންސީއަށް 

އަންހެނުންގެ ކޮމެޓީތަކުގެ ގޮނޑިތަކުގެ ތެރެއިން އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެސް ޕީއެންސީންނެވެ. އިލެކްޝަންސް ކޮމިޝަނުން ނެރުނު ލިސްޓުގައިވާ ގޮތުން އެ ޕާޓީއަށް ވަނީ އަންހެނުން ކޮމެޓީތަކުން ވެސް 41 ގޮނޑިއެއް ލިބިފަ އެވެ.

އިދިކޮޅު އެމްޑީޕީއަށް އަންހެނުންގެ ކޮމެޓީތަކުގެ ފަސް ގޮނޑިއެއް އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކަށް ވެސް އިންތިހާބަކާ ނުލައި ގޮނޑިތައް ވަނީ ކާމިޔާބުވެފަ އެވެ. 

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ހޮވުމަށް މިދިޔަ ހަފުތާގައި ވަނީ ގުރުއަތު ނަގައިފަ އެވެ. 

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު އުނިކުރުމުން މިހާރު އެ އިންތިހާބުގައި ވާދަކުރަނީ ޖުމްލަ 2،962 މީހެކެވެ.