މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިހާބަށްފަހު އެ ގައުމުގެ އާ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ފޮނުއްވައިފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި މިއަދު ބުނީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުހައްމަދު ޔޫނުސް ވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭގެ އިތުރުން 12 ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުއްވައިފަ އެވެ.

ނަމަވެސް އެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވާކަން އަދި ސާފެއް ނުވެ އެވެ. 

ބަންގްލަދޭޝްގެ ގައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ޕާކިސްތާނާއި ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާން އެވެ.

ދައުވަތު ދިން އެހެން ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި ތުރުކީގެ އިތުރުން ޔޫއޭއީ އާއި ގަތަރާއި މެލޭޝިއާ އަދި ބުރުނާއީ ހިމެނެ އެވެ. 

ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު މިދިޔަ ހަފުތާގައި ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނެވެ. އެ ކާމިޔާބީއަށް ރައީސް މުއިއްޒު ކުރިން ވަނީ މަރުހަބާ ދަންވައިފަ އެވެ.

ބީއެންޕީން ބުނި ގޮތުގައި އެ ޕާޓީގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާ މެދުގައި ދުޝްމަން ކަމެއް ނެތި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. ހަސީނާގެ ވެރިކަން ވައްޓާލުމުން އޭނާއަށް އިންޑިއާއިން ހިމާޔަތް ދިން މައްސަލާގައި އިންޑިއާއާއެކު ގުޅުން ގޯސްވި ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަރުހަބާގެ މެސެޖަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށް، އިންޑިއާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ އުމުރުން 85 އަހަރުގެ މުހައްމަދު ޔޫނުސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަން އޮގަސްޓް 2024 ގައި ނިމުމަކަށް ގެނައުމުން ގައުމު ހިންގުމާ ހަވާލުވެ ވަޑައިގެން އިންތިހާބާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓަވައިފަ އެވެ. އޭނާގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާކޮށްފަ އެވެ. 

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ.