ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ އަލީ އަފްލަހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން "މިހާރު" އަށް މިރޭ ބުނީ އެ އިދާރާއިން ތަހުގީގުކުރަމުން ގެންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މީހާގެ ނަން ހާމަނުކޮށް، ފުލުހުން ބުނީ އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ނަމަވެސް، "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހުޅުމާލެ، ޚައިތަރު، އަލީ އަފްލަހު އެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ ވެރިޔާ އަދި ޓީޗަރު އަފްލަހު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އޭނާ އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ.
އޭނާ އަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުން ކަން ވަނީ އެނގިފަ އެވެ. އަނިޔާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ.
ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓުގެ ހިއްސާ އަފްލަހުގެ ބޭބެ އާއި ބޭބެގެ އަނބިމީހާގެ ނަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބަދަލުކޮށްފަ އެވެ.