ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެ މަހަށް ވަކިން ބިލު ހަދަން ރީޑިން ނެގުމުގެ މަސައްކަތް މި ހަފްތާގައި ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ރޯދައަށް ވަކިން ބިލު ހެދުމަށް ރީޑިން ނެގުމުގެ މަސައްކަތަށް މި މަހުގެ 16 އަދި 17 ވަނަ ދުވަހު ސްޓެލްކޯގެ މުވައްޒަފުން ކުރާނެ ކަމަށާއި އެހެންވެ ގޭގެއިން އެކަމުގައި އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވަނީ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400ރ. ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައި ވެ އެވެ. އެ ފަހަރު ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެ އަށް ފޮނުވި އެވެ.