ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވުމަށް އެ ގައުމުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން، ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް"ގެ އަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ.
ނަމަވެސް، އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ އިރުމަތީ ފަރާތުން ރާޅުގަނޑު ސަރަހައްދާއި އުތުރު ފަރާތުން ކާނިވާ ސަރަހައްދާއި ސަލްމާން މިސްކިތުގެ މޫދާވީ ފަޅިއަށް އަންނާނެ ބަދަލުތައް ފެންނަ ކުރެހުންތަކެއް ވެސް އާންމުކޮށްފަ އެވެ.
މަޝްރޫއުގެ އިތުރު ތަފުސީލު
- އެއްބަސްވުމުގެ އަގު: 700 މިލިއަން ޖަޕަނީޒް ޔެން (70.8 މިލިއަން ރުފިޔާ)
- އެއްބަސްވުމުގެ މުއްދަތު: އެއް އަހަރާއި ހަތަރު މަސްދުވަސް
- މައިގަނޑު މަސައްކަތްތައް: މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށި މަރާމާތުކޮށް އަލުން ހެދުން
ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ހިންގާ މަޝްރޫއަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އިން ވަނީ 10.5 މިލިއަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރަށް ދީފަ އެވެ.
ޖައިކާއިން ކުރިން ބުނެފައިވާ ގޮތުގައި، "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ އިމާރާތް ކުރުމުގެ މަރުހަލާއަށް 10.5 މިލިއަން ޑޮލަރު (161.9 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ދިވެހި ސަރުކާރާއެކު ސޮއިކުރި އެކްސްޗޭންޖު އޮފް ނޯޓްސްގެ ދަށުންނެވެ.
މާލޭގެ އެއްގަމު ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ޑިޒައިން އެންޑް ކޮންސަލްޓަންސީ މަސައްކަތް ވެސް ކުރީ ޖަޕާނުގެ ބައެކެވެ. އެއީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑުންނެވެ.
ޖަޕާނުން ދީފައިވާ އެހީގެ ދަށުން މާލޭގެ ބޭރުތޮށި ވަރުގަދަކޮށް، ފެން ހިންދުމަށް ބޭނުންވާ އާލަތްތައް ހޯދައި، އުދަ އަދި ބޯކޮށް ވެހޭ ވާރޭއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
މާލޭގައި މިހާރު އޮތް ކަނޑުތޮއްޓަކީ ވެސް ޖަޕާނުގެ އެހީގައި 1998 އިން 2006 އަށް ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. އެ މަޝްރޫއުތަކުގެ ސަބަބުން 2004 ގެ ސުނާމީގެ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނެވެ.