ސަރުކާރަށް ޖެއްސުން ކުރަން އެކި ކަންކަން ކުރާ ކައުންސިލްތައް އެބަހުރި ކަމަށާއި އެހެންކަމުން ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަން ޖެހެނީ ސަރުކާރަށް ކަމަށް ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން ނިމާލު ވިދާޅުވީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ސަބަބުތައް އޭނާ ހުންނެވި މަގާމުގެ ގޮތުން ވަރަށް ގާތުން ފެންނަ ކަމަށެވެ. އެގޮތުން، ތަރައްގީއަށް ހުރަސްއެޅޭ ގޮތަށް އިދިކޮޅުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އަމަލު ކުރާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ނިމާލު ވަނީ އޭގެ ބައެއް މިސާލުތައް ވިދާޅުވެފަ އެވެ. އެގޮތުން، ރަށެއްގެ މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނުމުން ވެސް، ނަމާދު ނުކުރެވިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އޭނާއަށް އެތައް ފަހަރަކު ގުޅުއްވި ކަމަށް ނިމާލު ވިދާޅުވި އެވެ. 

ނިމާލު ވިދާޅުވީ ދައުލަތަށް ބުރަ ޖައްސައި، އުނދަގޫކުރަން މަސައްކަތް ކުރާ ކައުންސިލްތައް އެބަހުރި ކަމަށެވެ. އެގޮތުން، ކައުންސިލްތަކުން އޭޓީއެމް ބަހައްޓަން ބިން ދޫނުކުރާތީ އެލްޖީއޭއިން ބިން ކަނޑާފައި ސަރުކާރަށް ދީފައި ހުންނާނެ ކަމަށާއި އަދި ޕާސްޕޯޓްގެ ހިދުމަތް ފަށަން ކައުންސިލްގެ އިދާރާގައި ޑެސްކެއް ބަހައްޓަން ފުރުސަތު ނުދީގެން އެލްޖީއޭއިން ވާހަކަ ދައްކައިގެން އަދި އެންގުންތައް އަންގައިގެން ހައްލު ހޯދާފައި ހުންނާނެ ކަމަށް ނިމާލު ވިދާޅުވި އެވެ. 

ރަށްރަށުގައި ތާރުއެޅުމުގެ މަސައްކަތަށް ގެންދާ މުވައްޒަފުން ބައިތިއްބަން ބިންކޮޅެއް ދޭން ބުނުމުން، އެކަމަށް ވެސް ކައުންސިލްތަކުން އިންކާރުކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނިމާލު ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނަށް އެނގެންޖެހޭ ވާހަކަތައް ކަމަށެވެ. އެކަންކަން އެހެން ހިނގާތީ، ކައުންސިލްތަކުގެ މެޖޯރިޓީ ހޯދައިދޭން ޖެހެނީ ސަރުކާރަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. 

ނިމާލު ވިދާޅުވީ ކައުންސިލްތަކަކީ ރަށްރަށް ތަރައްގީކުރަން ސަރުކާރާ އެކު މަސައްކަތް އޮންނަ ފަށަލައެއް ކަމަށެވެ. އަދި އެއީ ސަރުކާރު ޒިންމާދާރު ކުރުވަން އޮންނަ ފަށަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ކައުންސިލްތަކަށް ގޮވާލަން ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީގެ ޓަކި ޖެހީމަ އެ ދޮރު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާ އެކު ހުޅުވައިދެއްވާށޭ،" ނިމާލު ވިދާޅުވި އެވެ. 

ނިމާލު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ވާހަކަ އަޑުއަހާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި އޭގެ ފޮނި މީރުކަމުގެ ވާހަކަ އަޑުއަހާތާ ވެސް ވަރަށް ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް، އެ ފޮނިމީރުކަމެއް މިހާތަނަށް ވެސް ރައްޔިތުންނަށް ލިބިފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެކަން ރައްޔިތުންނަށް ހާސިލްކޮށްދެއްވަން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް ދެ އަހަރުވީއިރު އެމަނިކުފާނު ވަނީ ކޮންމެ ރަށަކަށް ދެ ފަހަރަކު ވަޑައިގެން ކައުންސިލްތަކާ ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއައްސަވާފައި ކަމަށް ނިމާލު ވިދާޅުވި އެވެ. 

"އެމަނިކުފާނު ހޯމްވޯކް ހެއްދެވީ އަމިއްލަފުޅު ގަލަމުން. ލިޔުއްވައިގެން ވަޑައިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައި، އެމަނިކުފާނު ލާމަރުކަޒީ ގާނޫނުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް ފެއްޓެވީ އުތުރާއި ދެކުނުން ސާލެއް ފަތުރާލައްވައިގެން، އެ ސާލުގެ ހިޔާވެހިކަން ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭނެ މަގަށް މިސްރާބު ބެހެއްޓެވީ،" ނިމާލު ވިދާޅުވި އެވެ.