ދަރިފުޅަށް އަނިޔާކޮށް މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ. 

ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވެ އެވެ. 

އޭނާ ބަންދު ކުރަން ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހެކި ކޮންމެވެސް މިންވަރަކަށް ލިބިފައިވާތީ އެވެ. އަދި ދަރިފުޅަށް އަނިޔާކުރި ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ފުލުހަށް ބަޔާން ވެސް ދީފައިވެ އެވެ. 

މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، އޭނާ ބަންދު ކުރަން ކޯޓުން ނިންމާފައިވާއިރު، އޭނާއަކީ މީގެކުރިން ވެސް އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހެކެެވެ.

ނަމަވެސް ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތަށް އޭނާ ކޯޓުގައި އިންކާރު ކޮށްފައިވެ އެވެ.