ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެެރެއިން އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބާ ކުއާޓާ ހަދައިގެން އުޅޭތީ އެތަން 10 ދުވަސްތެރޭ ހުސްކުރަން އަންގައި އެކަން އެގޮތަށް ނުކޮށްފި ނަމަ ފްލެޓު އަތުލާނެ ކަމުގެ އިންޒާރު ދީފި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ އަމާން އުދަރެސްގެ ފްލެޓެއް ބިދޭސީންނަށް ލޭބާ ކުއާޓާ ހަދަން ދޫކޮށްފައިވާ މައްސަލާގައި އެތަނުގެ ވެރިފަރާތް 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ. އަދި 10 ދުވަހުގެ ތެރޭގައި އެތަން ހުސްނުކޮށްފިނަމަ، އެ ފްލެޓު އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކަށް ފްލެޓު ދިނުމަށް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
10 ދުވަސް ތެރޭގައި ބިދޭސީން ހުސް ނުކޮށްފި ނަމަ، އެގްރީމަންޓް ބާތިލުކޮށް އަތުލައި، މިނިސްޓްރީއަށް އަލުން ޔުނިޓް އެލޮކޭޓް ކުރަން ފޮނުވޭނެ.
ހަމްދާން ވިދާޅުވީ މިއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުން ދިރިއުޅުމަށް ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއް ކަމަށް ވާއިރު އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މިތަންތަން ބޭނުންކުރުން، ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށެވެ.
އެހެންވެ، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި އޮވެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ޖަހަން ފެށި މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެ މައްސަލާގައި އެފްޑީސީން ވަނީ ފްލެޓު އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.