ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ މިނިވަން، މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
"ޖުޑިޝަލް އިޔާ 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް އެޅުއްވި ފިޔަވަޅުތަކަށް ޝުކުރު އަދާކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ ކުރިން އޮތީ ސަމާލުކަމާއި އިސްކަން ދޭންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ނުދެވި ކަމަށެވެ. އޭގެ ސަބަބުން ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެފައިވާ ކަމަށް ރައީސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ ހުރަސްތަކާއި ހިރާސްތައް ރައީސްގެ ސަމާލުކަމަށް ގެނެސްދިނުމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކަންކަން ހައްލު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވަނީ އަންދާޒާކުރި މިންވަރަށް ވުރެ ހަލުވިކަމާ އެކު ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ތައުރީފު ކުރެއްވި އެވެ.
އެގޮތުން، ޝަރުއީ ދާއިރާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ މިނިވަންކަމާ އެކު އޮތް ފުދުންތެރި ދާއިރާއަކަށް ހެދުމަށް ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޝަރުއީ ދާއިރާއަށް ގްރާންޓްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމި ނިންމުން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަކީ ދާއިރާގެ ދިގު މާޒީއަށް ބަލާއިރު ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
"މި ނިންމެވުން އަޅުގަނޑުމެން ސިފަކުރަނީ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވަނީ މިނިވަން، ނަޒާހަތްތެރި ފަނޑިޔާރުގޭގެ ތަސައްވުރު ހަގީގަތަކަށް ހެއްދުމަށް މަނިކުފާނު އެޅުއްވި ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. މަނިކުފާނުގެ މި ނިންމުން ފަނޑިޔާރުގެއިން ބަލައިގަންނަނީ ޝުކުރުވެރި ހިތްތަކާކާއިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ހުރިހާ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން ރައީސަށް، އުއްތަމަ ފަނޑިޔާރު ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިވީހާ ދުވަހު ލިބެމުންދިޔައީ ވަރަށް ކުޑަ މުސާރައެއް ކަމަށާއި އެ މުސާރަ އޮތީ މުރާޖައާ ވެސް ނުކޮށް ކަމަށެވެ. އެކަމުގެ ސަބަބުން އިލްމީ ގާބިލް މީހުން ދާއިރާގައި ހިފެހެއްޓުން ގޮންޖެހުމަކަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަން ހައްލުކުރުމަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މުރާޖައާކޮށް، މުވައްޒަފުން ފާޅުކުރި ގިނަ ކަންބޮޑުވުންތައް ސަރުކާރުން ހައްލުކޮށްދެއްވި ކަން ވެސް، އުއްތަމަ ފަނޑިޔާރު ޝުކުރާ އެކު ފާހަގަކުރެއްވި އެވެ.
"މިކަމުގައި ވެސް މަނިކުފާނު ޝަރުއީ ދާއިރާއަށް ބެހެއްޓެވި ހާއްސަ ކަމަށްޓަކައި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ފަށްފަށުން ޝުކުރު ދަންނަވަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި ދެން އޮތް އެންމެ ބޮޑު ހިރާސްއަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެކަމަށް ހައްލެއް ނުލިބި ދިގު މާޒީއެއް އޮތްއިރު، ކޯޓުތަކުގައި މުވައްޒަފުންނާއި ފަނޑިޔާރުން މަސައްކަތް ކުރައްވަނީ އެކަމަށް އެކަށީގެންވާ ޖާގަތަކެއްގައި ނޫން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުން ހައި ކޯޓާއި ސުޕްރީމް ކޯޓު ހިންގާ ކުރީގެ ތީމުގެ ވެސް އިސްތިސްނާ ނުވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި، އުއްތަމަ ފަނޑީޔާރު، ފެމެލީ ކޯޓާއި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ ގޯސް ހާލަތުގެ ވާހަކަ ވެސް ދެއްކެވި އެވެ. އަދި، ކްރިމިނަލް ކޯޓުގެ ހާލަތު ވަރަށް ގޯސްވެ، ކޯޓުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ހާލަތަށް ދިޔަ ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެ މައްސަލައަށް ހައްލެއް ހޯދަން ހުޅުމާލޭގައި އަޅަން ފެށި ޝަރުއީ ދާއިރާގެ އިމާރާތުގެ މަސައްކަތް މި ސަރުކާރުން އަވަސްކޮށްދިން ކަން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާނެ މަގު ރައީސް ފަހިކޮށްދެއްވުމާ އެކު އިމާރާތް ނިމި، މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޖާގަ ތަނަވަސްވެ، ޝަރީއަތްކުރާ މާލަންތައް އިތުރުވެ، 12 ވަނަ ގާޒީއަކު ވެސް އައްޔަން ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން މިކަމުގައި މަނިކުފާނު ދެއްވި ހާއްސަކަމާއި އިސްކަމަށް ދިވެހި ފަނޑިޔާރުގޭގެ ނަމުގައި މަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަދި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވިދާޅުވެފައިވުމަކީ ވެސް ލިބުނު ހިތްވަރާއި ފޮނި އުއްމީދެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.