މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ތެލެސީމިއާއަށް ތަހްލީލު ހަދާ މޮލިކިއުލާ (ޑީއެންއޭ) ލެބޯޓްރީއެއް ހުޅުވައިފި އެވެ. 

ތެލަސީމިއާ އަދި ހީމޮގްލޮބިންއާ ގުޅޭ ތަހުލީލު ހަދާ ޑީއެންއޭ ލެބޯޓްރީ މިއަދު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ލެބޯޓްރީ ގާއިމުކުރީ ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. 

އެކަމަށް ބޭއްވި ހަފުލާގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ ކަމަށެވެ. އަދި ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ހަދާ ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ނިޝާން އަލީ | މިހާރު
ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ހަދާ ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިއީ، ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ތަހުލީލުތަކެއްކަމާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހިންނަށް ހާއްސަ މިންގަނޑުތަކަކަށް ރިއާޔަތް ކުރެވިގެންކަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ލޭގެ މިއުޓޭޝަންތަކުގެ ތެރެއިން މީގެ ކުރީން ހަދަމުން އައި ތަހްލީލުތަކުން ދެނެނުގަނެވޭ މުހިއްމު މިއުޓޭޝަންސްތައް ދެނެގަނެވޭނޭ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އަދި އެހެންމެ، ހިދުމަތުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި އަދި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލު ތަކަކަށް މި ހިދުމަތުގެ ފަސޭހަކަމާ އަދި ފައިދާ ދެމިގެން ދާނެ ހިދުމަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެކުރިން މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޝީ އިން އެކަންޏެވެ.