މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބުނުން (ޑައިން ޑިކްލަރޭޝަން) ރާއްޖޭގައި ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލާގައި، ފުލުހުން އަމަލުކުރި ގޮތާއި އެ ބަސް ކޯޓުން ގަބޫލުކުރި  ގޮތާ މެދު ސުޕްރީމް ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ. 

މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ސަރަހައްދުގައި 2011، އޭޕްރީލް ގައި، ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާ މެރުމަށް ހައި ކޯޓުން 2021 ވަނަ އަހަރު ހުކުމްކުރީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. 

އެ މައްސަލައަކީ މަރުގެ ތުންފަތްމަތީގައި އޮވެގެން މީހަކު ބުނި ބުނުން (ޑައިން ޑިކްލަރޭޝަން) ބަލައިގަތް ފުރަތަމަ މައްސަލަ އެކެވެ. އެއީ ހަމަލާދިނީ ޝަހުމް ކަމަށް އަހުސަން ހޮސްޕިޓަލްގައި އޮވެގެން ބުނެފައިވާތީ އެވެ. 

އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޝަހުމްގެ ފަރާތުން ފާހަގަކުރި އެއް މައްސަލައަކީ އަހުސަން މަރުވުމުގެ ވަގުތުކޮޅެއް ކުރިން ހޮސްޕިޓަލްގައި އޮތްއިރު، ހަމަލާދިނީ ޝަހުމް ކަމަށް ބުނި ބުނުން (ޑައިން ޑިކްލަރޭޝަން) ހައި ކޯޓުން ބަލައިގެންފައި އޮތުމެވެ.

ޝަހުމްގެ ވަކީލް ވިދާޅުވީ ހަމަލާދިނީ ޝަހުމް ކަމަށް ބުނެ އަހުސަން ޑައިން ޑިކްލަރޭޝަނެއް ދިން ކަމަށް ބުނެ ހެކިބަސް ދިނީ މުޅިން ވެސް ފުލުހުން ކަމަށާއި އަދި ފަރުވާ ދިނުމުގައި ބައިވެރިވި ޑޮކްޓަރެއް ނުވަތަ ނަރުހުންގެ ހެކިބަހެއްގައި އެކަމުގައި ލިބިފައި ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އަހުސަންގެ ޑައިން ޑިކްލަރޭޝަން ތިން ފަހަރެއްގެ މަތިން ފުލުހުންނަށް ދިންއިރު ވެސް، އެއްވެސް މިންވަރަކަށް ފުލުހުން އޭނާގެ ބަސް ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑް ކޮށްފައިނުވާކަން ވަކީލް ފާހަގަކުރެއްވި އެވެ. 

ޝަހުމް: އޭނާ މަރަން ކޮށްފައިވާ ހުކުމް ދަމަހައްޓަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައި
ޝަހުމް: އޭނާ މަރަން ކޮށްފައިވާ ހުކުމް ދަމަހައްޓަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައި

ޑައިން ޑިކްލަރޭޝަން ބަލައިގަތުމުގައި ހާއްސަ ސަމާލު ކަމެއް ދޭންޖެހޭނެ ކަމަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހަވާލާދީ ވަކީލް ވިދާޅުވީ ހަމަލާ ދިނުމުގެ ކުރިން، ޝަހުމް ހަމަލާދޭން އަންނާނެ ކަމަށް އަހުސަން އެހެން މީހެއްގެ ގާތުގައި ބުނެފައިވާ ކަމަށް ހެކިން ބުނެފައިވާތީ ޝަހުމްއާ މެދު އަދާވާތްތެރިކަމެއް ދުރާލާ އޮތްކަން ހާމަވާ ކަމަށެވެ. އަދި އަދާވާތްތެރިންގެ ހެކިބަސް ގަބޫލުކުރުން އިސްލާމީ ޝަރީއަތުގެ ދަށުން ހުއްދަ ނުވާއިރު، ހައި ކޯޓުން އެކަންކަމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން އަހުސަންގެ ކުރީގެ ކުށުގެ ރެކޯޑްތަކެއް ހުރިއިރު، ހެކިބަސް ބަލައިނުގަނެވޭނެ މީހެއްގެ ބަހަށް ރިއާޔަތްކޮށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. 

މީގެ އިތުރުން، ހައި ކޯޓަށް އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިތާ އަހަރެއްހާ ދުވަސްފަހުން އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތުން ވެސް ފާހަގަކުރި އެވެ. 

ޝަހުމްގެ ވަކީލް ވިދާޅުވީ މައްސަލަ އިސްތިއުނާފްކުރުން ލަސްވީ ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވީ ނަމަވެސް އިސްތިއުނާފް ކުރާނެކަމުގެ ނޯޓިހެއް ވެސް ދައުލަތުން ހައި ކޯޓަށް ފޮނުވާފައިނުވާ ކަމަށެވެ.

އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ހުށަނޭޅުނު މަގްބޫލު ސަބަބެއް އޮތްކަން އަދި އެ މުއްދަތުގައި ދައުލަތުން ކުރި މަސައްކަތެއް ވެސް ދައުލަތުން ބުނެދީފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ސަބަބު އެކަށީގެންވާ މިންވަރަށް ބަޔާން ކޮށްފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކޮށް، ޝަހުމްގެ ފަރާތުން އެދުނީ ހައި ކޯޓުން ކުރި ހުކުމް ގޯސް ކަމަށް ނިންމައިދިނުމަށެވެ. 

ނަމަވެސް ދައުލަތުން ބުނިގޮތުގައި ޝަހުމް މެރުމަށް ހައި ކޯޓުން ހުކުމްކުރީ ގާނޫނީ އުސޫލުތަކާ އެއްގޮތަށެވެ. 

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ބައެއް ކަންކަން ސާފު ކުރުމަށާއި އަދި ދެ ފަރާތުން އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ދެން އެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. 

އެ މައްސަލާގައި ޝަހުމްގެ އިތުރުން މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އޭނާ 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ޝަހުމް މަރަން ހުކުމް ކުރުމުގެ ކުރިން 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި އޮންނަ ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރުވި މައްސަލައެއްގައި ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ.