ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ފޮނުވި ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ. 

ކޮމާޝަލް ޑެވެލޮޕްމެންޓަށް ތަފާތު އެކި ޖާގަތައް ހިމަނައިގެން ހުޅުމާލޭ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ޖީޕީއެލްއާ ހަވާލުކުރި މަޝްރޫއު މިހާތަނަށް ނިމިފައި ނުވާއިރު އޮކްޓޯބަރު، 2023 ގައި ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ މަހު ވަނީ ބާތިލްކޮށްފަ އެވެ. 

އެއްބަސްވުން ބާތިލްކޮށް 30 ދުވަހުގެ ތެރޭގައި އެ ތަން ހުސްކުރަން ވެސް އެޗްޑީސީން އެންގި އެވެ. އެ އެންގުމަށް އަމަލުކުރުން ފަސްކުރަން ޖީޕީއެލްއިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ 14 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅަން ޝަރުތުކޮށް، ވަގުތީ އަމުރެއް ނެރުމަށެވެ. 

އެހެންވެ، ސިވިލް ކޯޓުން ވަގުތީ އަމުރުގައި އެޗްޑީސީއަށް އެންގީ އެއްބަސްވުން ބާތިލްކޮށް ތަން ހުސްކުރަން އެންގި ނޯޓިސްއަށް އަމަލު ކުރުން ފަސްކުރުމަށެވެ. އެ އަމުރު ނެރެފައިވަނީ އެޗްޑީސީގެ ޣައިރު ހާޒިރުގަ އެވެ. 

އެ މަޝްރޫއުގެ އިތުރުން ޕާކިން ބިލްޑިންއެއް ވެސް އިމާރާތްކުރަން އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރި އެވެ. އެ އެއްބަސްވުން ވެސް ބާތިލްކޮށް، އެތަން އަތުލަން ނޯޓިސް ފޮނުވާފައިވާތީ އެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން ވެސް ކޯޓުން ވަނީ އަންގައިފަ އެވެ.