ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ދުފާނެ ގޮތްތައް ހޯދައި ހޭލުންތެރިކުރަން ޓިކްޓޮކް ޗެލެންޖެއް އެޗްޕީއޭ އިން ފަށައިފި އެވެ.
ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން އެ އިދާރާއިން ފެށި ޗެލެންޖުގައި، އިހު ޒަމާނުގައި ދިވެހިން ދުފި ގޮތް، ސިއްހަތަށް ފައިދާހުރި ގޮތަކަށް ބަދަލުކުރާނެ ގޮތް ދައްކަން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެޗްޕީއޭ އިން ބުނީ ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާން އެޗްޕީއޭ އަދި ދިރާގު ފޭންސް ޓެގްކުރަން ޖެހޭނެ ކަމަށެވެ ކަމަށެވެ. އަދި ހޭޝްޓެގަކަށް UnitedbyUnique_WCD2026# އަދި ހޭޝްޓެގު #healthydhufun ބޭނުންކުރަންޖެހެ އެވެ.
ނެށުމާއި ކޮމެޑީ ނުވަތަ މުޖުތަމައާ ވީހާ ވެސް ގުޅޭ ގޮތަކަށް ވެސް ޓިކްޓޮކް ހެދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ ޗެލެންޖުން އެއް ވަނަ ލިބޭ މީހަކަށް 5،000ރ. ގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
ކެންސަރު ދުވަހާ ގުޅިގެން އެޗްޕީއޭގެ ޗެލެންޖެއް ފެށިއިރު، ރާއްޖޭގައި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ އެންމެ އާއްމު އެކައްޗަކީ ދުފުމެވެ. އެކަމުން ދުރަށް ދިއުމަށް އެ އިދާރާއިން ގޮވާލާފައިވެ އެވެ.