ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން މިރޭ ހުވާ ކުރައްވައިފި އެވެ.

ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައިވަނީ ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރަން ނިންމައިފަ އެވެ. 

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި މިހާތަނަށް ހުންނެވި އިސްމާއިލް ޝަފީއު ވަނީ މިރޭ އައްޔަން ކުރައްވައިފަ އެވެ. 

ކްރިމިނަލް ކޯޓުން ހުސްވެފައިވާ މަގާމަށް ހަމަޖެއްސެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒެވެ.

އެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަމުން ރައޫފު އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ދޫކުރި ފްލެޓެއް އޭނާ އަށް ހުށަހެޅުމުން ގަބޫލު ކުރެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާ އަށް ވެސް ވާދަކުރައްވައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަން މާޗު 2011 އިން މެއި 31، 2022 އާ ހަމައަށް ފުރުއްވި ރައޫފު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވައިފަ އެވެ. 

ހައި ކޯޓުން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ވަނީ އެމްޕީއެލްގެ ސީނިއާ ލީގަލް ކައުންސެލްގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ ކުރިން އޭޖީ އޮފީހުގެ ލީގަލް އެސިސްޓެންޓް ކަމާއި އެސްޓީއޯގެ ލީގަލް ކައުންސެލް ކަމާއި ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމު އަދި އެސްޓީއޯގެ ލީގަލް ކޮންސަލްޓެންޓުގެ މަގާމު އޭނާ ފުރުއްވި އެވެ.

ޝަރުއީ ދާއިރާގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޝަފީއު ވަނީ އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވައިފަ އެވެ. 

ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް، ސެޕްޓެމްބަރު 21، 2021 އިން ފެށިގެން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު ވެސް ފުރުއްވި އެވެ.

ނިޔާޒު

ވިލާ ކޮލެޖުން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ނިޔާޒު ވަނީ ޝަރުއީ ދާއިރާ އަށް 12 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ. 

ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށެވެ. އެ މަގާމަށް ނިޔާޒު ހަމަޖެއްސީ ނޮވެމްބަރު 2013 ގަ އެވެ.