އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް މިއަދު ހުޅުވައިފި އެވެ.
ހިތަދޫގައި ހިންގާ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އައިނު ފިހާރަ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށާއި ނަމްބަރު ނެގުމުގެ ހިދުމަތް ދިނަސް، ފަސޭހައިން އައިނު ލިބޭނެ ގޮތެއް ކުރިން ނޯވެ އެވެ.
އެހެންވެ، އެ ފިހާރައާއެކު ބޮޑު ލުއެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އައްޑޫ ހޮސްޕިޓަލުން ބުނީ އައިނު ފިހާރަ ހިންގާނީ އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން ކަމަށެވެ.
ސަރުކާރުން ރަސްމީކޮށް އައިނުގެ ވިޔަފާރިއަށް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އައިޖީއެމްއެޗުގައި ހުޅުވި ފިހާރައަށްފަހު ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފަ އެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ވެސް 2،000ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.