ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރު އަހުމަދު ސަރީރު، ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އަރުވައިފި އެވެ. 

ސަފީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަލީދުއާ ބައްދަލުކުރައްވާފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ވެސް އަރުވާފައި ކަމަށެވެ. 

އެއީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން އެ ގައުމުގެ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ސަރީރް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވަލީއަހުދާ ވެސް ބައްދަލުކުރައްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވެ އެވެ.