މަޝްހޫރު ދިވެހި ބޭންޑް "2 އޮފް އަސް"އާ އެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް 2 އޮފް އަސް ހަމަޖެއްސީ މިދިޔަ އަހަރު ޖުލައިގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބޭންޑުގެ އެމްބެސެޑާޝިޕް ސަސްޕެންޑް ކުރީ މިދިޔަ މަހު އެވެ. ސަބަބެއް ކަމަށް އެނގިފައި ވަނީ ފައިސާގެ ކަންކަމުގައި އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސް އަށް ކުރާތީ އެވެ.

"2 އޮފް އަސް" އުފެދުނުއިރު، އެ ބޭންޑުގައި ފަސް މެމްބަރު ތިއްބެވެ.

ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް އެ ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑާ ދުރަށް ދިޔައި މިދިޔަ މަހު އެވެ. ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަހުމަދު ޖަޝީމް އާއި މުހައްމަދު ހިޝާމް ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ބޭންޑުން ވަކިވެފަ އެވެ.

މިހާރު "2 އޮފް އަސް" ބޭންޑުގައި ތިބީ އަދުހަމްގެ އިތުރުން އަބްދުﷲ ޝަމްރޫހް އެވެ. 

ޝަހީދު ބުނެފައިވާ ގޮތުގައި "ޓޫ އޮފް އަސް" އިން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުމެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން، ބޭންޑުގައި ދެމިހުރުމަކީ ކުރެވޭނެ ކަމަކަށް ނުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަޝީމް، ހިސާމް އަދި ނަސޫހު ވެސް ބޭންޑުން ވަކިވެ ނެރުނު ބަޔާނުގައި ކުރީ ފައިސާގެ މުއާމަލާތްތަކުގެ ވާނުވާ ނޭނގުމާއި ބޭންޑުގެ މެމްބަރުންނަށް ބަރާބަރަށް ފައިސާ ނުދޭ ކަމުގެ ތުހުމަތެވެ.

ބޭންޑެއްގެ ރޫހާ ހިލާފަށް އެކަކު ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި އޮނިގަނޑު އޮތުމާއި އިހުތިރާމް ކުރުން ނެތުމާއި އަމިއްލަ އުފެއްދުންތައް ނެތް މައްސަލަ ވެސް އެ މީހުން ފާހަގަކޮށްފައިވެ އެވެ.