މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 983 މިލިއަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުުކުރި ހިސަބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހަކީ އެ އަހަރުގެ ތެރޭގައި އެއް މަހެއްގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާއަކީ ރިޒާވް އެންމެ ބޮޑަށް އުފުލުނު ތިން މަހެވެ.

ޑިސެމްބަރު މަހު، ޔޫޒަބަލް ރިޒާވްގައި 244 މިލިއަން ޑޮލަރު ހުއްޓެވެ.

މިދިޔަ އަހަރު ރަސްމީ ރިޒާވް އެންމެ ބޮޑަށް ދަށްވީ ޖެނުއަރީ މަހު އެވެ. އެ މަހު ރަސްމީ ރިޒާވް ހުރީ 708 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ، އަހަރު ނިންމާލި އިރު ރިޒާވަށް ވަނީ 275 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ޖެނުއަރީ މަހުގެ ރިޒާވް 900 މިލިއަން ޑޮލަރުން މަތީގައި ހުރި އިރު، މި އަހަރު ނިމޭ އިރު ވެސް ދައުލަތުގެ ރިޒާވްގައި 904 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

މިދިޔަ އަހަރު ރިޒާވް އެހާ ބޮޑަށް ރަނގަޅުވީ، ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް ޑޮލަރު މާރުކުރާ ވަރު އިތުރުވުމުންނެވެ. އަދި ރިޒާވް ހަމައަކަށް އަޅުވަން އެމްއެމްއޭއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ކަރެންސީ ސްވޮޕް ފެސިލިޓީއެއް ވެސް ބޭނުންކޮށްފަ އެވެ.

ރާއްޖޭގެ ރިޒާވުން މިހާރު އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ދަރަނި އަދާކުރުމަށާއި ތެޔޮ އެތެރެ ކުރުމަށެވެ. މި އަހަރުގެ އޭޕްރީލް މަހަކީ، ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ބޮޑު އަދަދު ދަރަންޏަށް ހޭދަކުރާ މަހެވެ. އެ މަހު ސުކޫކުގެ ފުލް ޕޭމެންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައުލަތުން ދަރަންޏަށް އެއްފަހަރާ ދައްކާނެ އެވެ.