ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށާއި މިއީ ރާއްޖެ އާއި ޖަރުމަނުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދޭނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ މި ދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ނަމުގައި އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ. އަދި ޖަރުމަނު ކައުންސިލް ފޯ ފޮރިން ރިލޭޝަނަށް ވެސް ރައީސް ޒިޔާރަތްކުރައްވައި ތަގުރީރު ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނުން ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތަށެވެ. ދެ ގައުމު ގުޅުން ގާއިމްކުރީ ޖުލައި 5، 1966 ގަ އެވެ.