އުމްރާއަށް ގެންދަން ފައިސާ ނެގުމަށްފަހު، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އަސްކޮއި ގްރޫޕާ ދެކޮޅަށް ދައުވާކުރި އާއިލާއަކަށް 185،000 އަށްވުރެ ގިނަ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި އެ ހުކުމުގައިވާ ގޮތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް އެ މައްސަލަ ހުށަހެޅީ އާއިލާއެއްގެ ފަސް މީހަކު އުމްރާއަށް ގެންދިއުމަށް އެ ކުންފުންޏަށް 155،250ރ. ދެއްކި ދެއްކުމުން ވެސް އުމްރާ އަށް ނުދެވުމުން އެ ފައިސާ އާއި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ކުރަން ޖެހުނު ހަރަދު ހޯދުމަށެވެ.
އެ ހުކުމުގައި ބުނީ ދައުވާގައި ހޯދުމަށް ހުށަހެޅި 155،250ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ. އާ އެކު ޖުމްލަ 185،250ރ. ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަސްކޮއި ކުންފުންޏާއި އާއި އެ ކުންފުނީގެ ވެރިޔާ މއ. ފައިންޝޭޑް، އަބްދުﷲ ރަޝީދު އެއްބަސްވެފައިވާ ކަމަށެވެ.
އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަސްކޮއި އާއި އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި މިދިޔަ އަހަރުގެ ޖުލައި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އޭރު އެ ގްރޫޕުން އުމްރާއަށް ދިއުމަށް ކޮންމެ މީހަކު ވަނީ 25،500ރ. އެ ކުންފުންޏަށް ދައްކައިފަ އެވެ. އެއީ ޖުމްލަ 714،000ރ. އެވެ.
އެ ގްރޫޕުގެ ފަރާތުން މިިދިޔަ އަހަރުގެ ޖުލައި މަހު އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު ފަހުވަގުތު ކެންސަލްކުރީ ސައުދީއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި އެ ދުވަސްވަރު ގަލްފުގެ އުފެދިފައިވާ ހަމަނުޖެހުން މައިތިރިވުމުން ދަތުރުކުރުން ބޭނުންވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބު ދީފައެއް ނުވެ އެވެ. އަދި މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވި އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ނުދެ އެވެ. އެހެންވެ، އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑަައަޅައި، މިނިސްޓްރީން ހުއްދަ ބާތިލުކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް އުފައްދައިފަ އެވެ.