ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ދިގު މުއްދަތެއް ބޭއްވުމަކީ އާ ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް ވަރަކަށް ގެންގުޅުނު ވިސްނުމެއް ނޫން ކަމެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގެ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ބަންޑާރަ ނައިބު މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން އެންމެ ބޮޑަށް އަންނަ ފާޑުކިޔުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީކުރުވަން ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލުމެވެ. ނަމަވެސް، އެއީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ. އެންމެ ފަހުން އިންތިހާބު ބޭއްވީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ނަމަވެސް، އުޝާމް ވިދާޅުވި ގޮތުގައި އެގޮތަށް އެ މުއްދަތު ދެ އިންތިހާބުގެ ދެމެދުގައި ބޭއްވުމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު އެއްވެސް ވަރަކަށް ވިސްނުން ގެންގުޅުނު ކަމެއް ނޫނެވެ. އުޝާމް ވިދާޅުވީ ގާނޫނުއަސާސީ އެކުލަވާލީ ވެސް އެ މުއްދަތު އެގޮތަށް އޮންނަގޮތަށް ނޫން ކަމަށެވެ.
އެގޮތުން، އާ ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 1 މާޗްގެ ކުރިން ބާއްވަން ވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަަމަވެސް، އެގޮތަށް އަމަލުކޮށްފައި ނުވާކަން އުޝާމް ފާހަގަކުރެއްވި އެވެ.
"ގާނޫނުއަސާސީގެ 296 ވަނަ މާއްދާއަށް ބަލައިފި ނަމަ، އެ މާއްދާގަ އޮންނާނެ އެންމެ ފުރަތަމަ ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީސް އިންތިހާބަކީ ފެބުރުއަރީ 15ގައި ބާއްވަން ޖެހޭ އިންތިހާބެއް، އޭގައި އެބަ ބުނޭ 1 މާޗްގެ ކުރިން އިންތިހާބު ބާއްވައި އާ މަޖިލީހެއް އެކުލަވާލަން ޖެހޭ. އެގޮތަށް ގާނޫނުއަސާސީއަށް އަމަލުކުރެވުނު ނަމަ، ރައިސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ދެތިން މަސް ދުވަހުގެ ތެެރޭގައި މަޖިލީހެއް އެކުލަވާލެވޭނެ. މިހާރު އޮންނަ މުއްދަތު ވެސް ނޯންނާނެ،" އުޝާމް ވިދާޅުވި އެވެ.
"އެއްވެސް އިރަކު ވިސްނުމެއް ނޫނޭ ދެ އިންތިހާބު ދުރުކުރުމަކީ. އެހެންކަމުން މި އިސްލާހު މިގޮތަށް ގެނައުމަކީ ފައިދާތަކެއްވާނެ ކަމެއް."
ބަންޑާރަ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާތާ ހަ މަސް ދުވަހަކީ އެ ބޭފުޅެއްގެ މަސައްކަތް ވަޒަން ކުރެވޭނެ މުއްދަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުން ނަތީޖާ ނުކުންނާނެ މުއްދަތެއް ވެސް ނޫން ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލަން އުޝާމް ތާއިދު ކުރައްވައި ވާހަކަ ދެއްކިއިރު، އެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް ތާއިދުކޮށްފި ނަމަ އެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.