އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރުގައި، ގާތްގަނޑަކަށް 10 އަހަރު ފަހުން މި އަހަރު ހަވާލާދޭ ސިޓީއެއް ލިޔަން ދީފައި އޮތް ސުވާލު ދަރިވަރުންނަށް "އޮޅުންއަރައި" ޝަކުވާ ބޮޑުވެއްޖެ އެވެ.
މިދިޔަ އެޕްރީލްގައި ގްރޭޑް 10 ގައި ކިޔަވަން ފެށި ދަރިވަރުންގެ އޯ ލެވެލް އާއި އެސްއެސްސީ މިދިޔަ މަހުގެ 28 ގައި ފަށައި ފުރަތަމަ އޮތީ ދިވެހި މާއްދާގެ ދެ ޕޭޕަރެވެ. ދިވެހި ޕޭޕަރު 1 ބުދަ ދުވަހު ނިންމައި މިދިޔަ ހޮނިހިރު ދުވަހު ޕޭޕަރު 2 ހެދި ދަރިވަރުން ޓެސްޓަށް ފަހު އޮތީ އޭގައި ލިޔަން ދީފައި އޮތް ސިޓީއާ ގުޅޭ ގޮތުން ހިޔާލުފާޅުކުރުމެވެ.
ސޯޝަލް މީޑިއާއަށް ދިވެހި ޕޭޕަރުގެ ޝަކުވާ ދޫކޮށްލި ބައެއް ދަރިވަރުން ބުނި ގޮތުގައި ހަވާލާދޭ އެ ސިޓީ ލިޔަން ދީފައި އޮތީ ސިލަބަސްގައި ކިޔަވައިދިން ގޮތާ ވަރަށް ތަފާތުކޮށެވެ. އެހެންވެ، އޮޅުންއަރައި އެ ސިޓީއަށް ލިބޭނެ މާކްސްއާ މެދު ކަންބޮޑުވާ ކަމަށް ލިއެފައިވެ އެވެ.
ޓިކްޓޮކްގައި ބައެއް ކުދިން ހަދާފައިވާ ވީޑިއޯތަކުގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް "ހަވާލާދޭ ސިޓީ" ލިޔަން ނޭނގިގެން ވާހަކަ ދައްކާފައި އެބަހުއްޓެވެ. ބައެއް ކުދިން ބުނެފައި ވަނީ އެ ގޮތަށް ސިޓީ ލިޔަން ކިޔަވައި ވެސް ނުދޭ ކަމަށާއި ލިޔެވުނީ ރަނގަޅަށް ކަން ޔަގީން ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ "ހަވާލާދޭ ސިޓީ" އަށް ޝުއޫރުފާޅުކުރި ބައެއް ދަރިވަރުން ބުނީ ވަރަށް އުނދަގޫ ސިޓީއެއް ކަމަށެެވެ. ގެޒެޓްގައި އޮތް އިއުލާނަކާ ހަވާލާދީ ވަޒީފާއަކަށް އެދި ސިޓީ ލިޔަން ޖެހުނުއިރު ކުރިން އެފަދަ ސިޓީއެއް ނުލިޔާ ކަމަށް ބުނެފައިވެ އެވެ.
"ފަހަރެއްގައި ދިވެހިން ފާސްވެދާނެ، އެކަމަކު [ސިޓީގައި ވަޒީފާއަށް އެދި ލިޔަން ޖެހޭ] ލަޔާލީ އަށް ވަޒީފާ ލިބުނިއްޔާ ނުލިބުނިއްޔާ އަހަރެމެންނަށް ކީއް،" އެ ސިޓީގައި އޮޅުން އެރި ދަރިވަރަކު ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.
ބައެއް ކުދިން ބުނި ގޮތުގައި އެ ސިޓީ ވެގެން ދިޔައީ ދިވެހި އިމްތިހާން ބޮލުގެ ރިހުމަކަށް ވި ކަމަށެވެ.
ހަވާލާދޭ ސިޓީ އާންމުކޮށް ލިޔެ އުޅޭނީ އިއުލާނަކަށް ނުވަތަ ދެންނެވުންތަކަށެވެ. އެފަދަ ސިޓީއަށް އަމިއްލަ ރަސްމީ ސިޓީ ވެސް ކިޔަ އެވެ. އެ ސިޓީ ތަފާތުވާ ކަމަކީ މައިގަނޑު ފަށަމުން ހަވާލާދޭ އިއުލާނުގެ ނަމްބަރާ ހަވާލާދީ ލިޔަން ފަށަން ޖެހުމެވެ.
ދިވެހި ޕޭޕަރުގައި މިފަރު އޮތީ، ހދ. ކުނބުރުދޫ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއަށް އެދި ލަޔާލީ ކިޔާ މީހަކު އެ ރަށު ސްކޫލްގެ ޕްރިންސިޕަލް އީސާ ޝަރީފަށް ސިޓީއެއް ލިއުމަށެވެ. އޭނާ އެދެން ޖެހެނީ ގުރުއާން، އިސްލާމް، ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމުގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށެވެ.
އެ ޓީޗަރުގެ ހުންނަ ޖެހޭ ޝަރުތުތަކުގެ ގޮތުގައި ބުނެފައި ވަނީ:
- ކިޔަވައިދިނުމުގައި 3 އަހަރުގެ ތަޖުރިބާ ހުރުން
- ކިޔަވައިދިނުމާ ގުޅޭ މާއްދާ އިން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް އޮތުން
އެ ޓީޗަރު ކުރަން ޖެހޭ މަސައްކަތުގެ ގޮތުގައި ބުނެފައި ވަނީ ފިލާވަޅުތައް ބަރާބަރަށް ހެދުމާއި ކުދިންނަށް ކިޔަވައިދޭން މަސައްކަތް ކުރުމާއި ރިލީފް ގަޑިތަކަށް ބަރާބަރަށް ދިއުމާއި އެކްޓިވިޓީތަކަށް އެއްބާރުލުންދޭ ޓީޗަރަކަށް ވުމުގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކުގައި ބައިވެރިވާ ޓީޗަރަކަށްވުމެވެ.
ޕްރިންސިޕަލް އީސާ ޝަރީފް އަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ އޮޅުން އަރައި އެ ސުވާލު އުފެއްދި ދަރިވަރުން ވެސް ތިއްބެވެ.
ހަވާލާދޭ ސިޓީއެއް އެންމެ ފަހުން ދީފައި އޮތީ 2007 ވަނަ އަހަރު
"މިހާރު" އާ ވާހަކަ ދެއްކެވި ދިވެހި ޓީޗަރަކު ވިދާޅުވީ އާ ސިލަބަސްގައި ހަވާލާދޭ ސިޓީ ލިޔަން ދީފައި ނެތް ކަމަށެވެ.
ބައެއް ދިވެހި ޓީޗަރުން ފާހަގަކުރި ގޮތުގައި އެސްއެސްސީ އިމްތިހާނުގައި އެންމެ ފަހުން ހަވާލާދޭ ސިޓީއެއް ލިޔަން ދީފައި އޮތީ 2007 ވަނަ އަހަރު އެވެ. އަނެއްބައި ޓީޗަރުން ވިދާޅުވީ 2011 ވަނަ އަހަރު ހަވާލާ ސިޓީއެއް ދީފައިވާ ކަމަށާއި އޭގެ ފަހުން އެއްވެސް ޕޭޕަރެއްގައި އެފަދަ ސިޓީއެއް ލިޔަން ނުދޭ ކަަމަށެވެ.
"ދަރިވަރުން އިމްތިހާނަށް ތައްޔާރުވަނީ ޕާސްޕޭޕަރު ހަދައިގެން. މި 2026، މިހާރު އެހާ ކުރީގެ ޕޭޕަރުތައް ނުހަދުވާނެ ޓީޗަރުން ވެސް،" ދިވެހި ކިޔަވައިދޭތާ އެތައް އަހަރެއް ވެފައިވާ ޓީޗަރަކު ވިދާޅުވި އެވެ.
އެހެން ދިވެހި ޓީޗަރަކު ވިދާޅުވީ އެފަދަ މައްސަލަތައް ދިމާވަނީ ކިޔަވައިދިނުމުގައި އަމަލީ ގޮތުން ނޫޅޭ މީހުން ލައްވައި ޓެސްޓު ޕޭޕަރު ތައްޔާރުކުރާތީ ކަމަށެވެ.
"ކެމްބްރިޖް ޕޭޕަރު ވެސް މި ހަދަނީ ޔުނިވާސިޓީއަކުން. އެކަމަކު އެސްއެސްސީ ޕޭޕަރު މި ހަދަނީ ޑީޕީއީއިން. ގިނަ ފަހަރަށް ޕޭޕަރު ހަދާނީ ކިޔަވައިދޭ ޓީޗަރުންނެއް ނޫން. ކިޔަވައި ދިނުމާ މާ ދުރުގައި އުޅޭ ބަޔަކު ހަދަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލައަކީ އެންމެ ކުރީގެ ގޮތަށް އަދިވެސް ޕޭޕަރު ތައްޔާރުކުރާތީ އާއި ޒަމާނަށާއި ކުދިންނަށް އަންނަ ބަދަލަށް ނުބަލައި ޕޭޕަރު ހަދާތީ އެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުންގެ ޝަކުވާއަކަށް އޮތީ އިސްލާމް ޕޭޕަރުގައި އޮތް "ޖާމިނުވުމުގެ" ސުވާލަކާ ހެދި އެވެ. މިފަހަރުގެ ކަންބޮޑުވުމަކަށް މިވީ ހަވާލާދޭ ސިޓީ އެވެ.