މިއީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "ދަ އެޑިޝަން" އަށް ލިޔުއްވި އާޓިކަލެއްގެ ތަރުޖަމާއެކެވެ.
އާއިލީ ބޯހިޔާވަހިކަން މަޝްރޫއުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފުލެޓު ލިބޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާ މެދު މި ފަހަކަށް އައިސް މުޖުތަމައުގައި ވަނީ ކަންބޮޑުވުމާއި ސުވާލުތަކެއް އުފެދިފަ އެވެ. ވަކިން ހާއްސަކޮށް، މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލާއިރު، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ކަމަށް އޮތުމުންނެވެ.
މިއީ ހަގީގަތުގައި ވެސް އުފެދިދާނެ ސުވާލުތަކެކެވެ. ބޯހިޔާވަހިކަމަކީ އިންތިހާ ޒާތީ ކަމަކަށް ވާއިރު، އެފަދަ ކަމަކަށް އަސަރު ފޯރުވަނިވި ސިޔާސަތުތައް ސާފުކޮށް ބަޔާންކޮށްދޭންޖެހެ އެވެ.
މި ލިޔުމުގެ ބޭނުމަކީ އާއިލީ ބޯހިޔަވަހިކަން ޕްރޮގްރާމްގައި ގެދޮރު ނުވަތަ ބިމެއް ނެތް އާއިލާތަކަށް އިސްކަން ދޭ ސަބަބާއި މިއީ ނުހަނު ބޭނުންތެރި އަދި އެހާމެ އިންސާފުވެރި އުސޫލެއްކަން ބަޔާންކޮށްދީ އަންގައިދިނުމެވެ.
ބޯހިޔާވަހިކަމަކީ ބިންގަލެއް، މިލްކިއްޔާތު ގުނަކުރާ ވަސީލަތެއް ނޫން
އެއްވެސް އާއިލާއެއް، ކަރާމާތާއި ހަމަޖެހުމުގެ އަސާސީ ބިންގަލެއް ނެތި، ދޫކޮށްނުލެވޭނެކަން ކަށަވަރުކުރުމަކީ، އާންމު ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކަމެއްގެ މައްޗަށް ބިނާކުރެވިފައިވާ އެންމެ މުހިންމު ސަބަބެވެ. ބޯހިޔާވަހިކަމަކީ ހަމައެކަނި ފައިދާ ލިބޭ މުދަލެއް ނުވަތަ އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި ނުބަލައި، އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ބަލައި، ހަމަޖެހުމާއި އިޖުތިމާއީ ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބަލައިގަންނަންޖެހެ އެވެ. އެއީ ތައުލީމާއި ސިއްހަތާއި ވަޒީފާ އާއި އިޖުތިމާއީ ގުޅުންތައް ފަދަ ހުރިހާ ކަމެއްގެ ބިންގަލެވެ.
ގޯތިގެދޮރު ނެތި، ބޯހިޔާވަހިކަމުން މަހުރޫމުވެފައިވާ އާއިލާތަކުގެ ނާޒުކުކަމާ މެދު ދެބަސްވުމެއް ނެތެވެ. މި އާއިލާތަކަށް ކުޑަނަމަވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިއްޖެ ނަމަ އެއީ ކިތަންމެ ދަތި ގޮތެއްގައި އަދި ގޮންޖެހުންތަކަކާއެކުގައި ކަމަށް ވީ ނަމަވެސް އެ އާއިލާތަކުގެ ހާލަތު މުޅިން ބަދަލުކޮށްލަދެނިވި ކަމަކަށް ވެދެ އެވެ.
މިއީ އާންމު ސިޔާސަތުތައް ދެނެގަންނަންޖެހޭ ފަރަގެކެވެ.
އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދެނީ ކީއްވެ؟
"އާއިލީ ބޯހިޔާވަހިކަން" މަޝްރޫއު ބިނާވެފައިވަނީ ސާދާ އަދި އިންސާފުވެރި އުސޫލެއްގެ މައްޗަށެވެ. ކޮންމެވެސް މިންވަރެއް ލިބިގެންވާ މީހާއަށް ވުރެ، އެއްވެސް މިންވަރެއް ނެތް މީހާ އިސްކުރެވޭ މޭރުމުގެ މައްޗަށެވެ. މިއީ ރަނގަޅާއި ނުބައި ވަޒަންކުރުމެއް ނޫނެވެ. އަދި މިއީ މީހަކަށް އެއްޗެއް ހައްގުވާ މިންވަރު ކަނޑައެޅުމެއް ވެސް ނޫނެވެ.
ހަގީގީ މަގުސަދަކީ، ބޯހިޔާވަހިކަމުގެ ނަޒަރުން ބަލާއިރު، އެންމެ ނާޒުކު ހާލަތުގައި ތިބި މީހުން އެންމެ ފުރަތަމަ ސަލާމަތްކުރުމެވެ.
ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް ނެތް އާއިލާއަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ:
• އިތުރު އެހެން ގޮތެއް، ވަންނާނެ ތަނެއް ނެތުން.
• ދުރުރާސްތާގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވެފައި ނެތުން، އަދި ކުއްޔަށް އުޅޭ ތަނުން ކުއްލިއަކަށް ނުކުންނަން ޖެހުމުން ނުވަތަ އަގުތައް އުފުލޭ ވަގުތު އެއްވެސް ރައްކާތެރިކަމެއް ނެތުން.
ދެމަފިރިންގެ ތެރެއިން އެކެއްގެ ނަމުގައި ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް އޮތް ނަމަ އެތަނަކީ ކިތަންމެ ކުޑަ ތަނަކަށް ވިޔަސް، އެތަނެއްގެ ސަބަބުން އެ އާއިލާ އަށް އެ ލިބެނީ ހިޔާވަހިކަމަކާއި ރައްކާތެރިކަމެކެވެ. ވަސީލަތުގެ ދަތިކަން ކުރިމަތިވެފައިވާ ވަގުތުތަކުގައި ވަކި ބަޔަކަށް އިސްކަންދިނުމަކީ ތަފާތު ކުރުމެއް ނޫނެވެ. އެއީ ޒިންމާއެކެވެ.
ވަކިވަކި ފަރުދުންގެ ބަދަލުގައި "ގޭބިސީ އަށް" ބަލަނީ ކީއްވެ؟
ބޯހިޔާވަހިކަމަށް ޑިމާންޑު އުފައްދަނީ ވަކިވަކި ފަރުދުންގެ ބަދަލުގައި ގޭބިސީތަކުންނެވެ. އާއިލާތަކުންނެވެ. މި އާއިލާތަކަކީ ދިރިއުޅެން ބޭނުންވާ ޖާގަ އާއި އާމްދަނީ އަދި ޒިންމާތަކުގެ އިތުރުން ކުރިމަތިވާ ދަތިތައް ހިއްސާކުރާ ބައެކެވެ. އާއިލީ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވަކިވަކި ފަރުދުންގެ ދިރިއުޅުމުގެ ހާލަތުގެ ބަދަލުގައި މުޅި އާއިލާގެ ހާލަތަށް ރިއާޔަތް ކުރަނީ މިހެންވެ އެވެ.
އާއިލާގެ އެކަކުގެ ނަމުގައި ބިމެއް ނުވަތަ ގެއެއް އޮތުމަކީ އެ އާއިލާ އަށް ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ލިބިދޭ ކަމެކެވެ. އެއްވެސް ފަދައެއް ނެތް އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުރިން، މިހާރު ވެސް ތަނެއް އޮތް އާއިލާއަކަށް ދެވަނަ ތަނެއް ދިނުމަކީ ނަހަމަކަން އިތުރުވާނެ ކަމެކެވެ.
އާންމު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މުދާ އިތުރުކުރުމުގެ ފުރުސަތަކަށް ވިޔަނުދީ، ވާންވާނީ އާއިލާތަކަށް ހަމަޖެހުން ގެނުވާ ކަމަކަށެވެ.
އާންމު ހާލަތްތަކާއި ޝަރުތުތަކާ ގުޅޭ ސުވާލުތައް ސާފުކޮށްދިނުމުގައި ބައެއް ފަރާތްތަކުން ވަނީ މިފަދަ ސުވާލުތައް ކޮށްފަ އެވެ.
• "މިލްކިއްޔާތުގައި އޮތް ބިމަކީ ކުޑަ ބިމަކަށް ވެއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"
• "އެއީ އަނބިމީހާ ނުވަތަ ފިރިމީހާގެ މިލްކިއްޔާތެއް ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"
• "އެއީ ވާރުތައިން ލިބިފައިވާ ތަނެއް ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"
މިފަދަ ހާލަތްތައް ބަލައިގަނެވިފައިވާތީ، އަންނަނިވި ކަންކަން ވަނީ ކަނޑައެޅިފައެވެ:
- އުމުރުން 18 އަހަރުން ދަށުގެ ކުދިން ތިބޭ އާއިލާތައް އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދިރިއުޅުނު ނަމަވެސް އެ އާއިލާތަކަށް ތަފާތު ގޮތަކަށް (ލުއިކޮށް) ބަލައި މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ފުލެޓަށް އެދި ހުށަހެޅޭނެ އެވެ.
- ބިމުގެ ބޮޑުމިނަށް ބަލައި، އެއީ ވަރަށް ކުޑަ ބިމެއްތޯ ނުވަތަ އެކަށީގެންވާ ބޮޑު މިލްކިއްޔާތެއްތޯ ވަކިކުރުމަށް މިންގަނޑުތަކެއް ބޭނުންކުރެވޭނެއެވެ.
މި ސިޔާސަތަކީ މިފަދަ އުނދަގޫ ހާލަތްތަކަށް ފުރަގަސްދޭ ސިޔާސަތެއް ނޫނެވެ. ނަމަވެސް، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ސާފު އަދި ތަންފީޒު ކުރެވޭނެ މިންގަނޑުތަކެއް ކަނޑައަޅަންޖެހެ އެވެ.
ފާހަގަކުރެވިފައިވާ ބައެއް ހާއްސަ ހާލަތްތަކަށް ސާފު ޖަވާބެއް ދިނުމަކީ މުހިންމު ކަމެކެވެ.
ކުރިމަގުގައި ލިބިދާނެ ވާރުތަ މުދަލަކީ މިހާރު ހުރި ބޯހިޔާވަހިކަމެއް ނުވަތަ ބިމެއްގެ ގޮތުގައި ނުބެލެވޭނެ އެވެ. "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ޝަރުތު ހަމަވޭތޯ ބަލާނީ ފޯމު ހުށަހަޅާ ވަގުތު އޮތް މިލްކިއްޔާތަކަށެވެ. ފޯމު ހުށަހަޅާ މީހާގެ ނުވަތަ އެ މީހެއްގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި މިހާރު ގެއެއް، ފުލެޓެއް ނުވަތަ ބިމެއް ނެތް ނަމަ ކުރިމަގުގައި ވާރުތައިން ބިމެއް ލިބިދާނެ ކަމަށްޓަކައި މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭ ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމަކަށް ހުރަހެއް ނެތެވެ.
މިހާރު ބިމެއް ނުވަތަ ގެއެއް އޮތް މީހަކު، އެ ތަން ދޫކޮށްލަން އެއްބަސްވި ނަމަވެސް މި ޕްރޮގްރާމުގެ ދަށުން ޝަރުތު ހަމައެއް ނުވާނެ އެވެ. މިހާރު ވެސް ގެއެއް ނުވަތަ ބިމެއް އޮތް ނަމަ އެ މީހަކީ މި ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ. މިހާރު އޮތް މިލްކިއްޔާތެއް ދޫކޮށްލަން ބޭނުންވުމަކީ މި އުސޫލު ބަދަލުވާނެ ކަމެއް ނޫނެވެ. އެހެނީ، ކޮންމެވެސް މިންވަރެއްގެ ބޯހިޔާވަހިކަމެއް މިހާރު ވެސް ލިބިފައިވާ މީހުންނަށް ވުރެ އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދިނުމަށްޓަކަ އެވެ.
މާލޭގެ ރަޖިސްޓަރީގައި އޮވެމެ، މިހާރު ރާއްޖޭން ބޭރުގައި ނުވަތަ އެހެން ރަށެއްގައި ދިރިއުޅޭ މީހުން މި ޕްރޮގްރާމުގެ ދަށުން ޝަރުތު ހަމަވުމާ މެދު ވެސް ސުވާލު އުފައްދާފައި އެބަވެ އެވެ. މާލޭގެ ރަޖިސްޓަރީގައި ތިބި މީހުން ރާއްޖޭން ބޭރުގައި ނުވަތަ މާލެ އިން ބޭރުގައި އުޅުނަސް އެހެން ހުރިހާ ޝަރުތެއް ހަމަވާ ނަމަ ކުރިމަތިލެވޭނެ އެވެ.
ނަމަވެސް، އެހެން ރަށްރަށުގައި ރަޖިސްޓަރީވެފައިވާ، އެކަމަކު މާލޭގައި ގިނަ ދުވަހު އުޅެފައިވާ މީހުން ރާއްޖޭން ބޭރުގައި ނުވަތަ އެހެން ރަށެއްގައި ދިރިއުޅޭ ނަމަ ޝަރުތު ހަމައެއް ނުވާނެ އެވެ. މީގެ ތެރެއިން ބައެއް ހާއްސަ ހާލަތްތަކުގައި އިސްތިސްނާ ދެވޭނެ އެވެ. އެއީ ކިޔަވަން ބޭރުގައި އުޅޭ މީހުން ނުވަތަ ވަޒީފާގެ ގޮތުން ވަގުތީ ގޮތުން މާލެ އިން ބޭރަށް ފޮނުވާފައިވާ މީހުންނެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ޝަރުތު ހަމަވޭތޯ ބަލާނީ ފޯމު ހުށަހަޅާ ވަގުތު އޮތް މިލްކިއްޔާތަކަށެވެ. ފޯމު ހުށަހަޅާ މީހާގެ ނުވަތަ އެ މީހެއްގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި މިހާރު ގެއެއް، ފުލެޓެއް ނުވަތަ ބިމެއް ނެތް ނަމަ ކުރިމަގުގައި ވާރުތައިން ބިމެއް ލިބިދާނެ ކަމަށްޓަކައި މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭ ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމަކަށް ހުރަހެއް ނެތެވެ."
ގޯތި ދޫކުރާ ސަރަހައްދުތަކަކީ ކޮބައިކަމާ މެދު ވެސް އާންމުން ސުވާލު އުފައްދަ އެވެ. މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 15،000 ގޯތީގެ ބޮޑު އިންސައްތައެއް ދޫކުރާނީ ރަސްމާލެ އިންނެވެ. އަދި މަދު އަދަދެއްގެ ގޯތި އުތުރުތިލަފަޅުން ދޫކުރެވޭނެ އެވެ. ގޯތި ދޫކުރާނެ ތަންތަން ކަނޑައަޅަނީ ބިން އޮތް މިންވަރަށާއި ޕްލޭނިން އަށް ބަލައިދެމެހެއްޓެނިވި ގޮތެއްގައި އަވަހަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ތަންތަނަށެވެ.
މި ހުރިހާ ކަމަކުން ދޭހަކޮށްދެނީ، ކުރިމަގުގައި ބަދަލުވެދާނެ ހާލަތަކަށް ވުރެ، އަދުގެ ބޭނުންތަކަށް އިސްކަންދީގެން، ހުރިހާ އެންމެންގެ މެދުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅޭ ކަމެވެ.
މިއީ އިންސާފުވެރިކަން ތަރުތީބުކުރުން، ފުރުސަތު ބަންދުކުރުމެއް ނޫން
މިކަން ސާފުކޮށް ބުނުން މުހިންމެވެ. މި ޝަރުތުތަކަކީ ދާއިމީ ހުރަސްތަކެއް ނޫނެވެ. މި އުސޫލުތައް މިވަގުތު މިގޮތަށް ހުރީ ބޯހިޔާވަހިކަމުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި (ލިބެން ހުރި މިންވަރު) އާއި އަރައި ހަމަކުރުމެވެ.
ސަރުކާރުން ސޯޝަލް ހައުސިން ޔުނިޓް، ގޯތި، އަދި އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ޕްރައިވެޓް ސެކްޓާ ހައުސިން ކުރިއަށް ގެންދާ ވަރަކަށް، މި ދަތިކަން ކުޑަވާނެ އެވެ. ކޮންމެ އާއިލާއަކަށް މަދުވެގެން އެއް ގެ ނުވަތަ ބިން ކަށަވަރުވުމުން މި ސިޔާސަތު ބަދަލުވާނެ އެވެ.
އެ ހިސާބުން، ޝަރުތުތަކަށް ލުއިދީ، ފުރުސަތުތައް ފުޅާކުރެވޭނެ އެވެ. އެއްވެސް ތަނެއް ނެތް އާއިލާއެއް ބާކީކޮށްފައި، ބައެއް މީހުންނަށް ދެވަނަ ގެއެއް ދިނުމީ އެއްވެސް ހާލެއްގައި އިންސާފެއް ނޫނެވެ.
"އާއިލީ ބޯހިޔާވަހިކަން" މުހިންމުވާ ސަބަބު
މި ޕްރޮގްރާމަށް "އާއިލީ ބޯހިޔާވަހިކަން" މި ނަން ދެވުނީ، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ހަމައެކަނި ވަކި ފަރުދަކަށް ކުރިމަތިވާ ކަމަކަށް ނުވާތީ އެވެ. އާއިލާތަކަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މައިންބަފައިންނާއި އަޅާލުން ބޭނުންވާ އެހެން މީހުން ވެސް އެ ބައެއްގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން، ޕަބްލިކް ހައުސިން މަޝްރޫއެއްގައި، އިޖުތިމާއީ ގޮތުން އެންމެ ބޮޑަށް އަސަރު ފޯރާނެ ގޭބިސީތަކަށް އިސްކަން ދޭންޖެހެ އެވެ.
މީގެ ބޭނުމަކީ ބަޔަކު ބާކީކުރުމެއް ނޫނެވެ. މީގެ ބޭނުމަކީ، އެންމެ ފުރަތަމަ ރައްކާތެރިކަން ފޯރުކޮށްދެވޭ ބަޔަކީ، އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ މީހުންކަން ކަށަވަރުކުރުމެވެ.
އަޅުގަނޑުމެންގެ މައިގަނޑު އުސޫލު
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ މައިގަނޑު އަސާސަކީ: ކޮންމެ އާއިލާއަކަށް ވެސް ދިރިއުޅެވޭނެ ފުރަތަމަ ބިން ނުވަތަ ހިޔާވައްސެއް ކަށަވަރު ކޮށްދިނުމެވެ. އެ ބިންގާ އެޅުމަށް ފަހު، ފުރުސަތުތައް އިތުރަށް ފުޅާކުރެވޭނެ އެވެ.