މޮރިޝަސް އަށް ވުރެ ޗާގޯސް ޖަޒީރާ ރަށްތަކުގެ މައްޗަށް އެންމެ ހައްގު ބޮޑު ރާއްޖެ އަށް އެ ތަން ދީގެން، ޑިއެގޯ ގާސިއާގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު ގާއިމުކޮށްފައި ބޭއްވޭނެ ގޮތެއް ހޯދިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި، އިނގިރޭސި ވިލާތުން އިސްތިއުމާރު ކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން ދާދި ފަހުން އިނގިރޭސި ވިލާތުން ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުން އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާއިރު، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ބޭއްވުމަށް އިނގިރޭސި ވިލާތުން ވަނީ ހުށަހަޅައިފަ އެވެ. އެއީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދީފައި އޮތް ރަށެކެވެ. 

މޮރިޝަސްއަށް ޗާގޯސް ދިނުމަށް ކުރިން ވަކާލާތުކުރެއްވި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ. 

މިގޮތުން، ޗާގޯސް ދޫކޮށްލުމަކީ އިނގިރޭސި ވިލާތުގެ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ކަންބޮޑުވުން އޮތީ، މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ދިޔުމުން، ޑިއޭގޯ ގާސިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުމާ މެދު އެވެ.

އެގޮތުން، ޗާގޯސް ޖަޒީރާގެ އެންމެ ވަރުގަދަ ސަލާމަތީ ސިފައަކީ، އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައި އޮތުން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

"ކަނޑުގެ ބިޔަ ސަރަހައްދުތައް ހިމާޔަތްކޮށްފައި ބޭއްވުމުގައި ރާއްޖެއަކީ ދުނިޔޭގައި ވެސް އެންމެ ތަޖުރިބާ ލިބިފައިވާ ގައުމު. އަޅުގަނޑުމެންނަކީ ދުވަހަކު ވެސް އެކަށީގެން ނުވާ މިންވަރަށް އާބާދީ އާއި ތަރައްގީ ގެނެސް، ހިމާޔަތްކުރަންޖެހޭ ސަރަހައްދުތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ނުދޭނެ ބައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެއާ އެކު، ޗާގޯސް ވެސް ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށަށް ގެނެސްފި ނަމަ އެ ތަން ވެސް ހިމާޔަތްކޮށްފައި ބޭއްވޭނެ ކަމުގެ ޔަގީންކަން އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ޗާގޯސް ޖަޒީރާ މޮރިޝަސްގެ ދަށަށް ދިޔުމާ އެކު، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތަކުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ފަދަ ކަންކަމަށް ފުރުސަތު ހުޅުވޭނެ ކަމުގެ ކަންބޮޑުވުން ތިމާވެއްޓާބެހޭ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ. 

އެއާ އެކު، އެ ސަރަހައްދު މަސްވެރިކަން ފަދަ ސިނާއަތްތަކަށް ހުޅުވާލައިފި ނަމަ ޑިއޭގޯ ގާސިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ދަނީ ބުނަމުންނެވެ.

ރާއްޖެ އާއި ޗާގޯސްގެ ތާރީހީ ގުޅުންތަކުގެ ހެކީގެ ގޮތުގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ޗާގޯސް އިން ފެނިފައިވުމާއި މޮރިޝަސް އަކީ ޗާގޯސްއާ 1،300 މޭލު ދުރުގައި އޮތް ތަނަކަށް ވާއިރު ރާއްޖެއާ ދެމެދު ހުރީ 310 މޭލު ކަމަށް ވެފައި ރާއްޖެއާ ހިލާފަށް މޮރިޝަސް އަކީ 17 ވަނަ ގަރުނާ ހަމަޔަށް ވެސް މީހުން ވަޒަންވެރިވެފައި އޮތް ތަނަކަށް ނުވުމުން ޗާގޯސްއާ ދިވެހިންގެ ގުޅުން މާކުރިން އުފެދިފައި އޮތުން ހިމެނެ އެވެ. 

ނެދަލޭންޑްސް، ފްރާންސް އަދި އޭގެ ފަހުން އިނގިރޭސީންގެ އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާގެ މީހުން މޮރިޝަސްގައި ވަޒަންވެރިކުރުވީ 17 ވަނަ ގަރުނުގަ އެވެ. އެކަމަކު ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ 2،500 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ޗާގޯސް އިން ފެނިފައިވާ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަށް 900 އަހަރު ވެފައިވާކަން އެނގެން އޮންނައިރު އެއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރި އެވެ. އަދި ރާއްޖޭގެ ކުރީގެ ރަސްކަލަކު ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރައްވާފައި އޮތުމާއި ރާއްޖޭގެ މަސްވެރިންނާއި ދަތުރުވެރިން ފޯޅަވައްސަށް ގޮސް އުޅޭ ވާހަކަ ލިޔެކިޔުންތަކުން ފެންނަން ހުރުން ހިމެނެ އެވެ.