ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ. 

އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ހަވީރު 5:30 އަށް ހަމަވިއިރު ޖުމުލަ 3،547 މީހަކު ހުށަހެޅި އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފޯމު ހުށަހެޅި 1،611 މީހުންނެވެ. 

އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، ކެންޑިޑެސީ ގަބޫލުކުރީ އީސީން ބުނި ގޮތުގައި 1،610 މީހުންގެ އެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށް އެ ކޮމިޝަނުން ބުންޏެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވައިލީ މިދިޔަ ޖެނުއަރީ 17 ގަ އެވެ. 

ދެ އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ ބައެއް މީހުންގެ ފޯމުތައް ރިޖެކްޓު ކުރަނީ އެ ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކުށާއި ދަރަނީގެ ރެކޯޑް އުމުރަށް ހުށަހަޅާފައި ނުވުމާއި ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ އޭގެ ތަފުސީލު ހުށަހަޅާފައި ނުވުން އަދި ކަރެޝަނަލް ސާވިސް އިން ފުރިހަމަކޮށް ހުށަހަޅަން ޖެހޭ ކުށުގެ ރެކޯޑް ހުށަހަޅާފައި ނުވާތީ އެވެ.