މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 224,788 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 224،788 ޓޫރިސްޓުންނަށް ރާއްޖެ އިން މަރުހަބާ ކިޔާފައިވާއިރު، އެއީ އެއް މަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި މަސް ކަމަށެވެ.

ތޯރިގު ވިދާޅުވި ގޮތުގައި އެންމެ ގިނަ ޓޫރިސްޓުން އައި މަހެއްގެ ގޮތުގައި ކުރިން އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. އެ މަހު ރާއްޖެ އައީ 224،455 ޓޫރިސްޓުންނެވެ. 

އެ އާ ރެކޯޑަކީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ލިބުނު އުއްމީދެއްގެ ގޮތުގައި ސިފަ ކުރައްވާ ތޯރިގު ވިދާޅުވީ އެއިން ދައްކުވައިދެނީ އެންމެން އެއް އަމާޒެއްގައި މަސައްކަތް ކުރުމުން އެއީ ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ.

އަދި އެ އަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި އޭގެ ފައިދާ އެންމެންނަށް ފޯރާކަން ކަށަވަރު ކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 28 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ.

އެ ގައުމުން 26،965 ޓޫރިސްޓުން އޭރު އައިސްފައިވާއިރު ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން ވަނީ 21،137 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު އޮތީ ޗައިނާ އެވެ. އެ ގައުމުން 18،531 ޓޫރިސްޓުން އޭރު އައިސްފައިވެ އެެވެ.