ރާއްޖެއަށް ކުރިމަތިވެފައިވާ ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
އޭގެ ތެރޭގައި، ކުރީގެ ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު، އަންނަ އޭޕްރީލް މަހު އަނބުރާ ދެއްކުން ހިމެނެ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.
"ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނެ މިންވަރުގެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވީމަ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާ ކަން ސާފު،" ނަޝީދު ވިދާޅުވި އެވެ.
ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، ޑިފޯލްޓުނުވެ، ދެއްކޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ވަނީ ތަކުރާރުކޮށް ދީފަ އެވެ.
އޭޕްރީލް މަހުގެ 25ގައި އަނބުރާ ދައްކަންޖެހޭ ސުކޫކު، ރީފައިނޭންސް ކުރަން ބޮޑު އިންޓަރެސްޓެއްގައި އަމިއްލަ ފަރާތަކުން ލޯނެއް ނަގަން އުޅޭކަމުގެ އަޑުތައް ދަނީ އިވެމުންނެވެ.
ނަމަވެސް، އެ ސުކޫކު އަނބުރާ ދައްކަން ހަމަޖެހިފައިވާ އިންތިޒާމުގެ ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.