މިދިޔަ އަހަރެކޭ އެއްގޮތަށް އިންޑިއާގެ 2026-2027 ގެ ބަޖެޓުގައި ރާއްޖެ އަށް އެހީވާން 69 މިލިއަން ޑޮލަރު ކަނޑައަޅައިފި އެވެ.

މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެ އަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅައިފަ އެވެ. މިއީ މިދިޔަ އަހަރު ވެސް ފާސްކުރި 2025-2026ގެ ބަޖެޓުގައި ރާއްޖެ އަށް ކަނޑައަޅާފައި އޮތް އަދަދެވެ.

އިންޑިއާ އިން ގައުމުތަކަށް އެހީގެ ގޮތުގައި، ފޮރިން މިނިސްޓްރީ އަށް ޖުމްލަ 25 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހިމަނާފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ބޫޓާނަށެވެ. 

ދެވަނައިގައި އޮތް ނޭޕާލަށް ކަނޑައެޅީ 87 މިލިއަން ޑޮލަރެވެ. އޭގެ ފަހަތުން، ރާއްޖެއާ އެކު، މޮރިޝަސް އަށް ވެސް ހިމަނާފައިވަނީ 69 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. 

މިދިޔަ އަހަރާ ހިލާފަށް ބަންގްލަދޭޝް އަށް ކަނޑައެޅި ބަޖެޓު ވަނީ ދެބައިކުޅަ އެއް ބަޔަށް ކުޑަކޮށްފަ އެވެ. މިގޮތުން، 2026-2027 އަށް ބަންގްލަދޭޝް އަށް ކަނޑައަޅާފައިވަނީ 6.5 މިލިއަން ޑޮލަރެވެ. 

ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތަސް، އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ.

މިގޮތުން، ދެ ފަހަރެއްގެ މަތިން ރައީސް މުއިއްޒު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެ އަށް ވަޑައިގެންފަ އެވެ.