ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ބެއިން މިއަދު ނިޔާވެއްޖެ އެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން ގދ. ފިޔޯރީ އާއިލާއަަކަށް ނިސްބަތްވާ އެ ތިން ފިރިހެން ކުދިން ނިޔާވިއިރު ދުވަހެއް ވެސް ނުވެ އެވެ. 

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ ޒުވާން ދެމަފިރިންގެ ތިން ކުދިން ނިޔާވީ "ރިސްކު ބޮޑުކަމުން" ޓްރީޓޮޕް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައި، އެ ކުދިން ނެގި ފަހުންނެވެ. 

އެ ކުދިން ނެގީ މައިމީހާގެ ބަނޑަށް ފަސް މަހުގަ އެވެ.  މަންމަގެ ހާލަތު ސާފުވާ ގޮތެއް އަދި ނުވެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ކުދިންގެ ބައްޕައަކީ މިފަހުން ކިޔަވައިގެން އައި ޒުވާން ޕައިލެޓެކެވެ.

ލޫތު، ހޫދު އަދި މީކާއިލްގެ ނަން ދީފައިވާ މި ތިން ކުދިންގެ ކަށުނަމާދު އޮތީ ހުޅުމާލޭ ސަހަރާގައި މިއަދު ހަވީރު 5:00 ގަ އެވެ.