ހައުސިިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ އަށް 25 އަހަރުވާ، ރިހި ޔޫބީލް ފާހަގަކުރަން ހާއްސަ ކެމްޕެއިނެއް އިއްޔެ ފަށައިފި އެވެ.

އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެމްޕޭން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ އެޗްޑީސީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.

އެޗްޑީސީއަށް 25 އަހަރު ފުރުން ފާހަގަ ކުރަން ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެޗްޑީސީއަށް 25 އަހަރު ފުރުން ފާހަގަ ކުރަން ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން އަދި ކިރިޔާ ތަސައްރަފު ފުދެން ފަށާފައި މި ވަނީ. ސިލްވާ ޖުބްލީއެއް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. ސަބަބަކީ މިއޮތް ކުރު މާޒީގައި 25 އަހަރު ތެރޭގައި ހުޅުމާލެ އޭގެ ޒާތުގައި ޑިވެލޮޕް ވެފައި އޮތް ވަރަށް ބަލާލުމުން އަޅުގަނޑުމެންނަށް އެކަން ތަސައްވުރު ކުރެވޭނެ،" ޒުހައިރު ވިދާޅުވި އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ އެޗްޑީސީގެ މިދިޔަ ތާރީހާއި ހުޅުމާލެ ތަރައްގީވަމުން އައި ތަފާތު މަރުހަލާތައް ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލައިފަ އެވެ.

އެޗްޑީސީއަށް 25 އަހަރު ފުރުން ފެށުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެޗްޑީސީއަށް 25 އަހަރު ފުރުން ފެށުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޔެ ވަނީ އެ ކުންފުނީގެ ރިހި ޔޫބީލްގެ ކެމްޕޭނަށް ހާއްސަ ލޯގޯއެއް ވެސް ތައާރަފުކޮށްފަ އެވެ.

"ސީ ޓު ސިލްވާ ޝޯރްސް" ނަމުގައި ފެށި އެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އާންމުންނަށް ބައިވެރިވޭގޮތަށް ހުޅުވާލައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓަން ހާއްސަ ކުންފުންޏެއް އުފެއްދީ 2001 ގަ އެވެ. 

ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފައްޓަވައި ދެއްވީ ރައީސް މައުމޫނެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.