ނަގުދު ފައިސާއިން ބަލައިގަންނަ ފިތުރު ޒަކާތުގެ މައުލޫމާތު ފެންނާނެ "ފިތުރު ޕޯޓަލް" މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ތައާރަފުކޮށްފި އެވެ.
ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކާ "ފިތުރު ޕޯޓަލް"ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އެ ޕޯޓަލްގެ ބޭނުން
- ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދިއުން
- ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް މި ޕޯޓަލް މެދުވެރިކޮށް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބޭނެ
- އެހެން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ، ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ
ޒަކާތު ހައުސް އިން ބުނީ މިގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތަށް ރޯދަ މަސް ނިމޭތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފިތުރު ޒަކާތް ލިބުން ހައްގުވާ މީހުންނަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށެވެ.
އެ ޕޯޓަލް ތައާރަފް ކުރުމަކީ މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ކަމާއި ދެފުށް ފެންނަ ގޮތްތަކާއި ހަރުދަނާކަން އިތުރު ކުރުމަށް ޒަކާތުހައުސް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެތަނުން ބުންޏެވެ.