އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝާޑީ ގަވަސްމީ އައްޔަންކޮށްފި އެވެ.
ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އުރީދޫ ގްރޫޕުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2015 ވަނަ އަހަރު އެވެ.
ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އުރީދޫގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާ އިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ. އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލަދިނުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދެއްވާފައިވެ އެވެ.
ގަވަސްމީ ވަނީ ފްރާންސްގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވާސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހޯއްދެވި އެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށް، އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނުގައި ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ހާލިދު އަލް ހަމާދީއަށް ޝުކުުރު އަދާކުރި އެވެ.
އެ ކުންފުނިން ބުނީ ހާލިދުގެ ލީޑާޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފްކުރި ކަމަށެވެ. އަދި މާސްޓާ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އާއި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރިކަން ފާހަގަކުރި އެވެ.
އޭގެ އިތުރުން، މުޅި ރާއްޖެއަށް 100 ޕަސެންޓް 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި އާބާދީގެ 80 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކުރުމާއި "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާ ގުޅުވާލުން ފަދަ އެކި މަސައްކަތްތައް ހާލިދުގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނީގެ ބަޔާނުގައި ބުނި ގޮތުގައި، ހާލިދުގެ ލީޑާޝިޕްގެ ދަށުން ކަނޑުއަޑީގައި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދި އެވެ. އަދި ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުން ފަދަ އެކި ކާމިޔާބީތައް ކުންފުންޏަށް ލިބިފައިވާ ކަމަށް ބުންޏެވެ.
މުޅި ރާއްޖެ އަށް އަމާޒު ކޮށްގެން ސިއްހީ ދާއިރާ އާއި އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި އިޖުތިމާއީ ޒިންމާގެ މުހިންމު މަސައްކަތްތައް ވެސް ހާލިދުގެ ކާމިޔާބީތަކުގެ ތެރޭގައި އުރީދޫން ފާހަގަކުރި އެވެ.
އުރީދޫން ބުނީ ގަވަސްމީގެ ލީޑާޝިޕްގެ ދަށުން ކުންފުނި މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.