ކުރިއަށް އޮތް ރޯދަ މަހު "މިހާރު" ގައި ޝާއިއުކުރުމަށް ކުރު ވާހަކަ ލިޔުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ބަހުން ވާހަކަ ލިޔުމުގެ މި މުބާރާތުން އެންމެ ރަނގަޅު ވާހަކަތައް ހޮވައި، ރޯދަ މަހު "މިހާރު" ގައި ޝާއިއުކުރާނެ އެވެ. ޝާއިއުކުރާ ވާހަކަތަކުގެ ތެރެއިން އެންމެ ރަނގަޅު ވާހަކައެއް ހޮވައި އިނާމެއްގެ ގޮތުގައި "މިހާރު" ގައި ވާހަކަ ލިޔުމުގެ ފުރުސަތު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދޭން ވަނީ ނިންމައިފަ އެވެ.
އެންމެ މޮޅު ވާހަކަ ލިޔާ މީހަކަށް ފުރުސަތު ދޭނީ ކަނޑައެޅޭ ވަކި ހަމަތަކެއްގެ މަތިން އުޖޫރައެއް ވެސް ލިބޭ ގޮތަށެވެ.
- ވާހަކަ އަށް މާކްސް ދިނުމުގައި 50 ޕަސެންޓް މާކްސް ކަނޑައަޅާފައިވަނީ، ވާހަކަ ހުށަހަޅައި ދިނުމާއި ކޮންސެޕްޓާއި ތަފާތުކަމާއި ޝައުގުވެރިކަން ހިފެހެއްޓުމަށް.
- އަނެއް 50 ޕަސެންޓަކީ ކިޔުންތެރިންގެ ޝައުގުވެރިކަމުގެ މައްޗަށް ބިނާކުރާ މާކްސް. އެއީ ވާހަކަ ޝާއިއުކުރާތާ 24 ގަޑިއިރު ތެރޭ އެ ވާހަކަ ކިޔާފައިވާ އަދަދާއި ސޯޝަލް މީޑިއާ އިންޓަރެކްޝަން ފަދަ ކަންކަމަށް.
ޝަރުތުތައް
- އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ.
- ކުރިން ޝާއިއުކޮށްފައިވާ ވާހަކައަކަށް ވެގެން ނުވާނެ.
- އެހެން މީހެއްގެ މަސައްކަތެއްގެ ނަކަލަކަށް ވެގެން ނުވާނެ.
- އިސްލާމް ދީނާ ހިލާފް ކަންކަން ޕްރޮމޯޓްކޮށް އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ސިފަކުރުންތަކާއި އިބާރާތް ހުރެގެން ނުވާނެ.
- އެކަކަށް ކިތަންމެ ގިނަ ވާހަކައެއް ވެސް ހުށަހެޅިދާނެ
- ވާހަކައިގެ ދިގުމިން ވާންޖެހޭނީ 1،200 - 1،800 ލަފުޒާ ދެމެދު.
- ވާހަކައިގެ ކަވަ ފޮޓޯ ހަދާނީ "މިހާރު"ން
މުބާރާތުގައި ބައިވެރިވުމަށް ވާހަކަ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތަށް ހުށަހަޅާ ވާހަކަތައް ފޮނުއްވާނީ މައިކްރޮސޮފްޓް ވޯޑް (ޓެކްސްޓް ފައިލެއް) ގޮތުގައި [email protected] އަށެވެ. ވާހަކަ ފޮނުވާއިރު، ފޮނުވާ މީހާގެ އައިޑީކާޑު ކޮޕީއަކާއި ގުޅޭނެ ފޯނު ނަންބަރެއް ހިމަނަންޖެހޭނެ އެވެ. އިތުރު މައުލޫމާތު 3001515 އިން ލިބޭނެ އެވެ.