ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި މުއާމަލާތްތައް ޑިޖިޓަލް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެެނެސްދިނުމަށް "ރުކުރި" ތައާރަފުކޮށްފި އެވެ.
ރުކުރިއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެ، ހަރުދަނާވަމުން އަންނައިރު، ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ފެންނަން އޮންނަ، ދެފުށް ފެންނަ އަވަސް ނިޒާމަކަށް ބޭނުންވެފައިވާތީ އުފައްދާފައިވާ ޕްލެޓްފޯމެކެވެ.
އައިލެންޑް ރެކްރޫޓްސް އިން ތައާރަފުކޮށްފައިވާ މި ޕްލެޓްފޯމުގެ ހާއްސަ ކަމަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ މީހުންގެ ކަންކަން ސާފުކޮށް އަވަހަށް ކުރިއަށް ގެންދެވޭނެ ޒަމާނީ ނިޒާމެއް އެކުލެވޭތީ އެވެ.
އެ ޓީމުން ބުނި ގޮތުގައި ރުކުރި ބިނާވެފައިވަނީ ތިން އަސާސެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ލަގްޒަރީ ރިސޯޓުތަކުގެ އިސް މަގާމުތަކުން ފެށިގެން، ގެސްޓްހައުސްތަކާއި ރެސްޓޯރަންޓްތަކާއި ޓޫރިޒަމްގެ އެކި ހިދުމަތްތަކުގެ ވަޒީފާތައް ރުކުރިން ފެންނާނެ އެވެ.
ރުކުރި ޑިޒައިން ކޮށްފައިވަނީ ވަޒީފާ ހޯދަން ބޭނުންވާ މީހާ އަށް އެންމެ ގުޅޭނެ ވަޒީފާއެއް ހޯދަން ފަސޭހަވާނެ ގޮތަށެވެ.
ރުކުރި ޓީމުން ބުނީ އޭގެ ސަބަބުން ވަޒީފާ ހޯދުމާއި ވަޒީފާއަށް ކުރިމަތިލުމަށް ލުއިވާނެ ކަމަށެވެ. ވަޒީފާ ހޯދާ މީހާ އަށް އެއް ތަނަކުން ހުރިހާ އެޕްލިކޭޝަނެއް ބެލެހެއްޓޭއިރު، ވަޒީފާ ދޭ ފަރާތްތަކަށް ވެސް އުނދަގުލެއް ނެތި ކެންޑިޑޭޓުންގެ މައުލޫމާތު ބެލޭނެ ކަމަށް ބުންޏެެވެ.
އެ ޓީމުން ބުނީ ރުކުރީގެ އެންމެ ބޮޑު އެއް ބޭނުމަކީ ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތް ވަގުތުން ބަލައިލެވޭނެ ގޮތް ހެދުން ކަމަށެވެ. އެއީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ މީހާއާ ދެމެދު އިތުބާރު އުފެއްދުން ކަމަށެވެ.
ވަޒީފާ ހޯދާ މީހުންނަށް ރުކުރި އަކީ އެ މީހުންގެ މުޅި ކެރިއަރު އެއް ތަނަކުން މެނޭޖު ކުރެވޭނެ ޕްލެޓްފޯމެކެވެ.
އެ ޕްލެޓްފޯމުގެ ސަބަބުން ވަޒީފާ އިއުލާނުކުރުމާއި ކެންޑިޑޭޓުންގެ ޕްރޮފައިލް ބެލުމާއި މުޅި ހަޔަރިން ޕްރޮސެސް ހަލުވިކަމާ އެކު، ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
ރިސޯޓުތަކަށް ބޭނުންވާ ފްރީލާންސް ނުވަތަ ކުރު މުއްދަތުގެ މަސައްކަތްތަކަށް މީހުން ހޯދުމަށް ވެސް ހާއްސަ ބައެއް ހިމަނާފައިވާއިރު އޭގެ ސަބަބުން ކުއްލިއަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ފަސޭހަވާނެ އެވެ.
އައިލެންޑް ރެކްރޫޓްސްގެ ކޯ ފައުންޑަރު އަލީ ފާއިޒު ވިދާޅުވީ އިތުބާރު ހިފޭ ވަޒީފާގެ މާހައުލެއް ބިނާކުރުމަށް ރުކުރި މެދުވެރިކޮށް ވަޒީފާ މީހުންގެ މަސައްކަތުގެ ތަޖުރިބާ ޔަގީންކުރެވޭނެ ކަމަށެވެ. ރެފަރެންސް ޗެކުކުރުމާއި ޕްރޮފައިލް ވެރިފައިކުރުމުގެ ނިޒާމު ވެސް ހިމެނެ އެވެ.
"އެއް ފުރާޅެއްގެ ދަށުން މި ފުރުސަތުތައް ފަހިކޮށްދިނުމުން ދިވެހި މަސައްކަތްތެރިން ބާރުވެރިކުރުވައި ވަޒީފާ ދޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ މީހާ ހޯދުމަށް މަގުފަހިވާނެ،" އަލީ ފާއިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ހަރުދަނާކޮށް، ވަޒީފާގެ ބާޒާރު ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށެވެ.
ރުކުރި ހަދާފައި ވަނީ ފޯނާއި ކޮމްޕިއުޓަރުން ވެސް ވަރަށް ފަސޭހަ އިން ބޭނުންކުރެވޭނެ ގޮތަށެވެ.