ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރަން "ބިންގާ"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލްތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ އެ ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ރިވެތި ސިފަތަކާއި އާދަތައް ހަރުލެއްވުމަށް އެހީވާން ކުރިއަށް ގެންދަން ނިންމެވި ޕްރޮގްރާމެއް ކަމަށެވެ.
ގައުމީ މަންހަޖުގެ ތަސައްވުރަކީ ތައުލީމީ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ އިލްމާއި ހުނަރާއި ސިފަތަކުގެ ތެރެއިން ކޮންމެ ކުއްޖަކީ ވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ދަރިވަރުންނަކީ ކުލުނުވެރި، އޯގާތެރި، އެކަކު އަނެކަކަށް އިހުތިރާމްކުރާ، ޒިންމާދާރު ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ކުރަންޖެހޭ ކަމެއްކަން އެ ސާކިއުލާގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތީމް ތަކަކަށް ބަހާލައިގެން މުޅި އަހަރު ދުވަހަށް ދެމިގެންދާ ގޮތަށެވެ.
މިނިސްޓްރީން ބުނީ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ޕްރޮގްރާމަކީ ރިވެތި ސިފަތަކާއި އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ސްކޫލާއި ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
ބިންގާ ޕްރޮގްރާމް ވިލަރެސްކުރުމަށް ހާއްސަ ކޮމިޓީއެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. ކޮންމެ މަހަކަށް ހާއްސަކޮށް ތީމެއް ކަނޑައަޅާއިރު ފުރަތަމަ ތީމަކަށް ހަމަޖައްސާފައި ވަނީ ޝުކުރުވެރިވުމެވެ.
ތީމާ ގުޅޭގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތައް ސްކޫލުތަކާއި ހިއްސާކުރުމާއި ޕްރޮގްރާމް ކުރިއަށްގެންދަން އެހީތެރިވުމާއި ޕްރޮގްރާމް ކުރިއަށްދާ ގޮތް ވަޒަންކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ ކޮމެޓީއާ އެވެ.
ބިންގާ ޕްރޮގްރާމްގައި ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތައް
- ދަރިވަރުން ދީނީ ވާޖިބުތަކާއި އަހުލާގީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުވުމަށް، އަމާޒުކޮށް ކޮންމެ ސްކޫލަކުން ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން
- އިހުތިރާމުކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި އަޅާލުމާއި އޯގާތެރިކަން އިސްކުރުންފަދަ ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން
- ނަމާދަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި ދަރިވަރުންނަކީ ނަމާދު އަދާކުރާ ބަޔަކަށް ހެދުމަށް އެ ޕްރޮގްރާމްގެ ތެރެއިން ހާއްސަ މަސައްކަތްތަކެއް ކުރުން
- ކޮންމެ މަހަކަށް ކަނޑައަޅާ ތީމާއި އެތީމާ ގުޅުން ހުރި މެސެޖުތައް ސްކޫލުގެ ގޯތިތެރެއިން ފެންނަގޮތަށް ޑިސްޕްލޭކުރުން
- ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތައާރަފް ކުރުމަށް ސްކޫލުތަކުގައި ކޮންމެ މަހަކު ހާއްސަ އެސެމްބްލީއެއް ބާއްވައި އެ ސެމްބްލީ ތަކުގައި ތީމްއާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން
- އެ ތީމްއާ ގުޅޭގޮތަށް ރަށުފެންވަރުގެ ޕެނަލްޑިސްކަޝަންއެއް ނުވަތަ ކޮމިއުނިޓީ ބައިވެރިކޮށްގެން ބާއްވާ އެފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުން
- ކޮންމެ މަހެއްގެ ތީމާ ގުޅޭ ގޮތުން ގޭތެރެ އާއި މުޖުތަމައުގައި އުޅޭއިރު ކުރެވޭނެ ކަންތައްތައް ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގައިދިނުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމާ ގުޅޭ ގޮތުން ސްކޫލުން ހިންގާ ހަރަކާތްތައް އެ ސްކޫލެއްގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުން