މީގެ ނުވަ އަހަރު ކުރީގެ ރޯދަމަހާ ހިސާބުން ފަށަމާ ހިނގާށެވެ. ދޯނީގައި މަހަށް ދާން އައިސް ތިބީ ޕްރޮފެޝަނަލް ގޮތުގައި މަސްވެރިކަން ކުރާ ބަައެއް ނޫނެވެ. މާލޭގައި ފިނިކޮޓަރީގައި ޓައި އަޅައިގެން މަސައްކަތް ކުރަން އުޅުނު ދެ މީހަކާއި ސިފައިންގެ މީހަކު ވެސް ހުއްޓެވެ. 

ޗުއްޓީ ނަގައިގެންނާއި ވަޒީފާ މިވަގުތަށް ދޫކޮށްފައި މި އެންމެން އައީ ބޮޑުކަންނެލި މަސްވެެރިކަމުން ލިބޭ ނަފާ ބޮޑުކަމުންނެވެ. ބާރަވަރަކަށް މީހުންނާ އެކު މުލަރޯދަ ދުވަހު މ. މުލަކުން ނުކުތް ދޯނި، ހަތަރު ދުވަސް ފަހުން މާލެ އަތޮޅަށް މިސްރާބު ޖެހީ އޮޑި ބަރުވަންދެން ކަންނެލި ބޭނުނީމައެއް ނޫނެވެ. ބޭނިފައި ހުރީ ދެ ފޮށްޓާއި ފޮށްޓެއްގެ މެދަކާ ހަމައަށެވެ. ކިލޯއިން ކިޔާ ނަމަ އެއީ ދެތިން ޓަނެވެ. އެ ހާ ލުއިކޮށް އޮޑި އޮއްވައި މަސް ކިރަން މިސްރާބު ޖެހީ އަގު އަރާފައި އޮތުމާ އެކު، އާއިލާތަކަށް އަވަހަށް އާމްދަނީއެއް ބޭނުންވާތީ އެވެ.

މަސްކިރައި ނިމިގެން މާލެއަށް އައިސް ފައިސާ ބަހާލި އިރު އާދައިގެ މަސްވެރިއަކަށް 26،000ރ. ޖެހުނެވެ. ކެޔޮޅަށް ލިބުނު ވަރެއް އެނގޭނީ ކެޔޮޅަށެވެ. ބޮޑު ކަންނެލީގެ އަގު 2016 ވަނަ އަހަރުގެ މެދަކާ ހަމައަށް އައި އިރު ހުރީ އެހާ ވެސް ރަނގަޅަށެވެ. އޭރުގައި އާއްމު ގޮތެއްގައި އޭ ގްރޭޑްގެ ބޮޑުކަންނެލި ކިލޯއަކަށް 100ރ. އަށް ވުރެ ދަށް ނުވާ އަގެއް ލިބެމުން އައިސް ރޯދަމަހު (މީލާދީ ގޮތުން ޖުލައިމަހު) ކިލޯއެއްގެ އަގު 140ރ. އަށް އެރި އެވެ. އިހަށް ދުވަހު ކިލޯއަކަށް 25ރ. ގެ ރޭޓުން މިފްކޯއަށް ގަންނަން އެ ފެށި ރިޖެކްޓް ކަންނެލި އެ ރޯދަމަހު ވިއްކީ ކިލޯއަކަށް 80ރ.ގެ މަގުންނެވެ.

ނަމަވެސް މިހާރު އޭ ގްރޭޑްގެ ކަންނެލި ކިލޯއަކަށް ވެސް 80ރ. ނުލިބެ އެވެ. 

"އަޅުގަނޑުގެ ދޯނިން މީގެ ހަތަރު ދުވަސް ކުރިން ކަންނެލި މި ކިރާލީ އޭ ގްރޭޑް ކަންނެލި ކިލޯއަކަށް 50ރ. ގެ ރޭޓުން. މިހާރު މި އަށް ވުރެ ބޮޑު އަގެއް ލިބުމަކީ ނާދިރު ކަމެއް،" ނޫހުގައި ނަން ޖަހަން ބޭނުންނުވާ ޢޮޑިވެރިއަކު ބުންޏެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް، ރިޖެކްޓް ކަންނެއްޔާއި އަންޑަ ސައިޒް ކަންނެލި ގަންނަން ފެށީމާ ބޮޑުކަންނެލި މަސްވެރިންނަށް ހެޔޮ އަސަރެއް ކޮށްފިތޯ އަހާލީމާ އޭނާ ކުރީ ޝަކުވާ އެވެ.

"ކޮންމެ ކުއްޖެއް ވެސް ބޭނުންވީ ރަށުގައި ހުރެގެން އެ ލިބޭ 12،000 ނޫނީ 10 ވަރަކަށް ހާސް ރުފިޔާ ނަގައިގެން ރަށުގައި ހުންނަން،"
ބޮޑުކަންނެލީގެ މަސްވެރިއެއް

އެ މީހާ ބުނި ގޮތުގައި ކަންނެއްޔަށް ރަނގަޅު އަގެއް ނުލިބުމާއި ބާނާ ކަންނެލިކޮޅު ދަށް އަގުގައި ވެސް ނުކިރޭ މައްސަަލައަށް އަދި މާބޮޑު ލުޔެއް ނުލިބެ އެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި ކަންނެލީގެ އަގު އެހާ ދަށްކޮށް ހިފަހައްޓަނީ ގަތުމުގައި އެއްވެސް ވާދަވެރިކަމެއް ނެތި، އަމިއްލަ ދެ ކުންފުންޏަކުން މުޅި މާކެޓް މޮނޮޕޮލައިޒް ކޮށްފައި ވާތީ އެވެ.

"މިހާރު އަނެއްހެން ބުނާ ކަމަށް ވަންޏާ އެންސިސް އާއި ބިގްފިޝް އެކަނި މިހާރު ކަންނެލި ގަންނަނީ. ދެން އެބައުޅޭ ތަންކޮޅެއް ކުދި ކުއެންޓިޓީ ނަގާ ދެތިން ހަތަރު ބަޔަރުން އުޅޭނެ،" އޮޑިވެރިޔާ ބުންޏެވެ.

އެކަމަކު، މިފްކޯ އަށް  ރިޖެކްޓް ކަންނެއްޔާއި އަންޑަ ސައިޒް ކަންނެލި ގަންނަން ފެށުމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ރައީސް ހުސައިން ނަޝީދު "މިހާރު" އަށް ކުރިން ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް "އޭ"ގްރޭޑް އަދި "ބީ" ގްރޭޑްގެ ބޮޑުކަންނެލި ކިރާއިރު ސައިޒު ކުޑަވުމުން ނުވަތަ ކޮލިޓީ އަށް ބަލައި "ރިޖެކްޓް ކުރާ ކަންނެލި" މިފްކޯއިން އެ އަގަށް ގަތުމަކީ ވަރަށް ރަނގަޅު ކަމެއް ކަަމަށެވެ.

"ރަނގަޅަށް ކަންނެލި ބާނާ ދުވަސްވަރެއްގައި މި ކެޓަގަރީގެ ކަންނެއްޔަކީ ނުއަގުގައި ދޫކޮށްލަން ޖެހޭ އެއްޗަކަށް ވެފައި އޮންނަނީ. އެހެންވީމާ މިއީ ބޮޑުކަންނެލި މަސްވެރިންނަށް ލިބުނު ހިތްހަމަޖެހުމެއް،" ނަޝީދު ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިކަން ހަލާކުވީ ވާދަވެރިކަން ގެއްލުމުން

މި ރިޕޯޓަށް ވާހަކަ ދެއްކި އޮޑިވެރިއަކު ބުނި ގޮތުގައި ބޮޑުކަންނެލި ގަތުމުގައި އެއްވެސް ވާދަވެރިކަމެއް މިހާރަކު ނެތެވެ. އެެއީ ކުރިން ކަނޑުއޮތްގިރީގައި ކުދި ވިޔަފާރިވެރިންނަށް ކަންނެލި ބަންދުކޮށްދިން އިރު ތިބި ވަރަށް ކުދި ވިޔަފާރިވެރިން މިހާރު ނެތީމަ އެވެ. 

"ވާދަވެރިކަން ނެތި، މިއަދުގެ ހާލަތަކީ ފެކްޓަރީތަކުން ޖެއްސުން ކުރުން. އަޅުގަނޑުމެން މި ކުރި ޑިސެމްބަރު 10 ގެ މުޒާހަރާއަށް ފަހު މިހާރު 30 ކިލޯ އިން މަތީގެ ކަންނެލި ގަންނަނީ ކިލޯއަކަށް 50 ރުފިޔާގެ ރޭޓުން،" އޭނާ ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވާ ބައެއް މަސްވެރިން ތިބި ދޯނިތައް މާލޭ ބޭރުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވާ ބައެއް މަސްވެރިން ތިބި ދޯނިތައް މާލޭ ބޭރުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މީހާ ބުނި ގޮތުގައި އެހާ އަގު ދަށްކުރުމާ ކަންނެލި ގަންނަ އަދަދު ވެސް މަސްކުންފުނިިތަކުން ވަނީ މަދުކޮށްފަ އެވެ. އެހެންވެ، މަސް ފެކްޓަރީތަކަށް މަސްކިރަން ކިއު ހަދައިގެން ތިބެން ޖެހޭތީ އޮޑިވެރިން ސިފަކުރާ ގޮތުގައި ދޯނިތައް މިހާރު ވެފައި ވަނީ ފެކްޓަރީތަކުގެ ސްޓޯރޭޖަށެވެ.

"ކުރީގައި ބިގް ފިޝްއަކީ ނޫނީ އެންސިސް އަކީ ދުވާލަކަށް 40 އަކަށް ޓަނު ނަގާ ކުންފުނިތައް. އެކަމަކު މިއަދު އެ ކުންފުނިތަކުން ދުވާލަކު 10، 12 ޓަނު ނޫނީ ނުނަގާ. އެހެންވީމާ މި މީހުން މިހަދާ ގޮތަކީ ދޯނިތައް މި ބޭނުންކުރަނީ އެކުންފުނިތަކުގެ ސްޓޯރޭޖަށް. ކިރެންދެން ދެން ދޯނީގައި އައިސް އަޅާލައިގެން ތިބޭނެތާ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެގޮތަށް ކަންތައް ވީ "ބޮޑު ދެ ބަޔަރުން މި އިންޑަސްޓްރީއަށް ނުުކުމެ، ކަންތައް ކުރި ގޮތުންނެވެ. މާކެޓްގައި އޮތް ވާދަވެރިކަން އެ ހިސާބުން ގެއްލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭރުގައި އުޅުނު ކުދި ބަޔަރުންތައް ފުނޑާލީ، ފުނޑާލީމާ މި ވީ ގޮތަކީ މާކެޓްގައި އޮތް ކޮމްޕެޓިޝަން ދިޔައީ،" 

ކަންނެެއްޔަށް ދާ ދިވެހިން މަދުވެ، ދޯނިތައް ހުއްޓުނު

ބޮޑުކަންނެލި މަސްވެރިކަމުގައި ނަގާ ކިޔާ އޮޑިވެރިއަކު ބުނީ، ދުނިޔޭގެ ބާޒާރުގައި ވަރަށް ރަނގަޅު އަގެއް ލިބޭ ބޮޑުކަންނެލި މަސްވެރިކަން ރާއްޖޭގައި އާލާ ނުވެ ދަށަށް ދާން ފެށީ ހަމަ އެކަނި އަގު ދަށްވެގެން ވެސް ނޫން ކަމަށެވެ. ސަރުކާރުތަކުން ރަށްރަށުގައި އުފެއްދި ވަޒީފާތަކެއްގެ ސަބަބުންނެވެ. އެ މައްސަލަ އެންމެ ބޮޑުވާން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ.

"ބޭކާރު ސިޔާސީ ވަޒީފާތަކުގެ ސަބަބުން ހަމަ މީހުންތައް ކަންނެތް ވެ، ރަށުގައި މަޑުޖެހުނީ. ދެން އެނގިވަޑައިގަންނަވާނެ މަސްވެރިންނަކީ ރަށުގައި އެހާ ގިނައިން މަޑުކުރަން ލިބޭ ބައެއް ނޫން. މަސްވެރިންނެކޭ ރިސޯޓްތަކުގައި މަސައްކަތްކުރާ ކުދިންނެކޭ ގާތްގަނޑަކަށް ހަމަ އެއް ކަހަލަ ގޮތަކަށް އުޅޭނީ،" އޭނާ ބުންޏެވެ.

އެހެން އެކަން އޮއްވާ ސަރުކާރުގެ ކޯޕަރޭޝަންތަކުން ދަށް މުސާރައިގެ ގިނަ އަދަދެއްގެ ވަޒީފާ "ބަހަން ފެށީ" އޮޑިވެރިޔާ ބުނި ގޮތުގައި 2021 ވަނަ އަހަރު އެވެ. އޭރު އުފެދުނު އެ ސަގާފަތް އަދި ވެސް އެގޮތުަގައި އޮތުމުން ގިނަ އަދަދެއްގެ މަސްވެރިން، ދޯނިފަހަރުން ފައިބައި ރަށްރަށުަގައި ހަމަޖެހިލުމުގެ ނަތީޖާއަކީ ގިނަ ދޯނިތަކެއް "ޝަޓްޑައުން" ވުމެވެ. 

"ކޮންމެ ކުއްޖެއް ވެސް ބޭނުންވީ ރަށުގައި ހުރެގެން އެ ލިބޭ 12،000 ނޫނީ 10 ވަރަކަށް ހާސް ރުފިޔާ ނަގައިގެން ރަށުގައި ހުންނަން،" ބޮޑުކަންނެލި މަސްވެރިންގެ ހައްގުގައި އިސްކޮށް މަސައްކަތްކުރާ އެހެން އޮޑިވެރިއަކު ބުންޏެވެ.

އޭގެ ނަތީޖާއަކީ އޭނާ ބުނި ގޮތުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅުނު 300 ވަރަކަށް ދޯނީގެ ތެރެއިން 200 ވަރަކަށް ދޯންޏަށް މީހުން ހަމަނުވެ، އެހެން ކަންކަމަށް އެނބުރެން ޖެހުމެވެ.

އޭގެ ގިނަ ދޯނިފަހަރު މިހާރު ގެންގުޅެނީ މުދާ އުފުލުން ފަދަ އެެހެން މަސައްކަތްތަކުގަ އެވެ. އެކި ސަބަބުތައް މެދުވެރިވެ، ހަގީގީ މަސްވެރިކަން މިހާރު ވަނީ ބީވެފަ އެވެ.