އެހެން ވިޔަފާރިތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މަސައްކަތް ކުރެވޭނެ މެކޭނިޒަމެެއް ގާއިމް ކުރުން މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

އޭނާ އެހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި ގާއިމްކުރި ބީއެމްއެލްގެ އާ ބްރާންޗު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނުގެ ހައިސިއްޔަތު ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް "ބޮޑުވުމަކީ" ހުރިހާ ދިވެހި ފަހުރުވެރިވާން ޖެހޭނެ ކަމެެއް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ވިޔަފާރިތަކުން ވެސް ބީއެމްއެލްއާ ބައިވެރިވެގެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޭންކިން ގާނޫނުތައް ހުރި ގޮތުން، ބޭންކުތަކަށް ސީދާ ވިޔަފާރީގައި ބައިވެރި ނުވެވޭ ކަމަށާއި އެކަމަކު އެހެން ގައުމުތަކަށް ބަލާއިރު ބޭންކުތަކުގެ ރިސްކު ކުޑަކޮށް، ގައުމުގެ އެހެން ވިޔަފާރިތަކުގައި ބައިވެރިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ރާއްޖޭގައި ވެސް އެކަން އެގޮތަށް ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމާ ދޭތެރޭގައި ފުންކޮށް ގަވަރުނަރު ވެސް ވިސްނަވައި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑު މި ދެންނެވި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ. 

ޒަަމީރު ވިދާޅުވީ، ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކުން އެ މީހުންގެ ފައިދާ ބޭރަށް ގެންދާ ކަމަށާއި އެއީ "ވަރަށް ނެޗުރަލް" އަދި އެހެން ގައުމުތަކުގައި ވެސް އެކަން ހިނގާ ގޮތް ކަމަށެވެ. 

ބީއެމްއެލް ކުޑަހުވަދޫގެ އާ ބްރާންޗު ހުޅުވުމުގެ ހަފުލާގައި ޒަމީރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކުޑަހުވަދޫގެ އާ ބްރާންޗު ހުޅުވުމުގެ ހަފުލާގައި ޒަމީރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ބީއެމްއެލް

އެކަމަކު، ބީއެމްއެލް ތަފާތު ކަމަށާއި އެ ބޭންކުން ކުރާ ހުރިހާ ކަމަކުން ފައިދާ ވާނީ ދިވެހިންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ބޭނުންވާ ފައިސާ ދޫކުރުމާއި ރާއްޖެ އިން ބޭރަށް ދާ ދިވެހިންނަށް ރަސްމީ ރޭޓުގައި ޑޮލަރު ވިއްކުން ފަދަ ކަންކަން ޒަމީރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ އެހެން ބޭންކަކުން އެ ހިދުމަތް ނުލިބޭނެ ކަމަށް ގަބޫލު ކުރަން ވެސް ޖެހެ އެވެ. 

"އެއީ އަޅުގަނޑުމެން ދިވެހިންނަށް ހިދުމަތް ކުރާނީ އަޅުގަނޑުމެންގެ ބޭންކުން. އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކީ މި ބޭންކު ބޮޑުކުރުމުގައި ހުރިހާ އެންމެން ބައިވެރިވެގެން، ބޭންކު އޮފް މޯލްޑިވްސް ބޮޑުވެގެންދާ ދިއުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމަކަށްވެ، އަދި ރާއްޖޭގެ އެހެން ވިޔަފާރިތަކުން ވެސް އޭގައި ބައިވެރިވެގެން ބޭންކާ އެކުގައި މަސައްކަތް ކުރުން،" ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްއަކީ އެ ބޭންކާ ހަވާލުކުރާ މަަސައްކަތްތައް ތާރީހަށް ނިންމާ ތަނެއް ކަމަށެވެ. އަދި އެ ބޭންކުގެ މާލީ ކުރިއެރުން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުން ކަމަށާއި މި އަހަރު ހާއްސަ ކުރަނީ ޑޮލަރު އޭޓީއެމް ބެހެއްޓުމާއި ރަށްރަށުގައި އެ ބޭންކުގެ ބްރާންޗުތަކުގެ ވިއުގާ ފުޅާކުރަން ކަމަށެވެ. 

އެ ގޮތުން ޑޮލަރު އޭޓީއެމްގެ 70 މެޝިން މި އަހަރު ބަހައްޓާނެ އެވެ. 

"މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓް ހައުސް ސިނާއަތު އިތުރުވެގެންދާއިރު އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަސޭހަ ވެގެންދާނެ ކަމެއް. މީގެ އިތުރުން 12 ބްރާންޗު މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ބޭންކުން ވަނީ ރާވާފައި،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަހުވަދޫގައި މިއަދު ހުޅުވި ބީއެމްއެލްގެ އާ ބްރާންޗު.---ފޮޓޯ: ބީއެމްއެލް
ކުޑަހުވަދޫގައި މިއަދު ހުޅުވި ބީއެމްއެލްގެ އާ ބްރާންޗު.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނި ގޮތުގައި، ކުޑަހުވަދޫގައި އެ ބޭންކުގެ އާ ބްރާންޗެއް ހުޅުވުމަކީ ބޭންކިންގެ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަށާއި އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

"އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާ އެކު، ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރެވުގެންދާނެ އެވެ. މީގެ ސަބަބުން ކުޑަހުވަދޫ އާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިން ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ.