ހުރިހާ މާއްދާއަކުން ބޭނުންވާ ނަތީޖާ ހޯދުނަސް ހިސާބުން ފާހެއް ނުވެ އެވެ. ހިސާބު ނަމްބަރުތަކުގެ ތެރޭގައި ގިނަ ކުދިން "ތާށިވެ" އެވެ.
މިއީ، ސެކަންޑަރީގައި ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަށް އޮތް މާޔޫސްކަމެކެވެ. މި މާއްދާ އުނދަގޫވެ، ބާކީ ހުރި އެހެން ހުރިހާ މާއްދާތަކުގެ އިމްތިހާނަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރެ އެވެ. ހިސާބަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ބައެއް ދަރިވަރުންނަށް އެ މާއްދާ އިން ރަނގަޅު ނަތީޖާއެއް ނުލިބެ އެވެ. ކިރިޔާ ފާސް ޕަސެންޓޭޖު ހޯދެނީ ވެސް ސްކޫލުން ކިޔެވުމުގެ އިތުރަށް ވަރަށް ބޮޑު އަގުގައި ޓިއުޝަން ނަގައިގެންނެވެ.
އެކަމަކު، ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވުން މަޖުބޫރު ކޮށްފައި އޮންނަ ހިސާބު މާއްދާއަކީ ހަމައެކަނި ނަމްބަރުތަކަކުން ކުރެވޭ މަސައްކަތެއް ނޫނެވެ. އެއީ ކަންކަމުގައި ގޮތް ނިންމުމުގެ ހުނަރު ތަރައްގީކޮށްދޭ މާއްދާއެކެވެ.
ދިވެހި ދަރިވަރުން ހިސާބު މާއްދާއަށް ދަށްވުމަކީ ހައްލެއް ހޯދަން ޖެހިފައި އޮތް ކަންބޮޑުވުމެކެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް މިދިޔަ އަހަރު އެކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު ހިސާބު މާއްދާއިން މުޅި ގްރޭޑްގެ ދަރިވަރުންގެ ފާސްވާ އަދަދު ހުރީ 58 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރު ނިމުނިއިރު ހިސާބުން ފާސްވާ ދަރިވަރުންގެ އަދަދު 46 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޕްރައިމަރީ ގްރޭޑްތަކުގައި ދިވެއްސާއި ހިސާބުން ފާސްވާ ކުދިންގެ ނިސްބަތް ދަށްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެފަދަ ކުދިން މަތީ ގުރޭޑްތަކަށް ދާއިރު ކިޔަވަން އިތުރު ދަތިތަކާއި އުދަނގޫތައް ދިމާވާނެތީ އެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ހިސާބު، ޕްރައިމަރީ އަދި ސެކަންޑްރީގައި ވެސް މުހިންމު ވަނީ ކީއްވެ؟
ދަރިވަރުން ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ދުވަސްތަކަކީ ކޮންމެ މާއްދާއެއްގައި ވެސް އެ ދަރިވަރުގެ މުސްތަގުބަލަށް، ސެކަންޑްރީ ގްރޭޑްތަކަށް އެޅޭ ބިންގަލެކެވެ. ޕްރައިމަރީ ގްރޭޑްތަކަކީ ކުދިންގެ ވިސްނުން ހެދިބޮޑުވަމުން އަންނަ ދުވަސްވަރަށްވުމުން ހިސާބު މާއްދާއަކީ ކުއްޖާގެ ވިސްނުން ތަރައްގީ ކުރަން އެހީވެދޭ މާއްދާއެއް ކަމަށް އެކަމުގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ސެކަންޑްރީ މަރުހަލާގައި ހިސާބު މުހިންމުވަނީ ސައިންސާއި އިންޖިނިއަރިން އަދި އިގްތިސާދީ ދާއިރާތަކަށް ދަރިވަރުން ތައްޔާރުކޮށްދޭ އެންމެ މުހިންމު މާއްދާއަކީ އެއީ ކަމަށްވާތީ އެވެ. މަތީ ތައުލީމަށް ކިޔަވާއިރު ގިނަ ދާއިރާތަކުގައި ހިސާބު ކިޔަވަން މަޖުބޫރުވަނީ ވެސް އެ ސަބަބަށްޓަކަ އެވެ.
"ހިސާބަށް ދަރިވަރުން ދަށްވެއްޖެނަމަ ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައަކީ އާންމު ދިރިއުޅުމުގައި ހިސާބު ބޭނުންކުރާކަށް ނޭނގޭނެ. އޭގެ ބޭނުން ހިފާކަށް ނޭނގޭނެ،" ޕްރައިމަރީ ގްރޭޑްތަކަށް ހިސާބު ކިޔަވައިދޭ ޓީޗަރަކު ވިދާޅުވި އެވެ.
"މިސާލަކަށް، ފިހާރައަކަށް ގޮސް އެއްޗެއް ގަނެފައި ބާކީ ފައިސާ ހިސާބުކުރުން، ބަޖެޓު ތައްޔާރުކުރުން، ވަގުތު މެނޭޖުކުރުން އަދި މިންއެޅުން ފަދަ ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ދަރިވަރުންނަށް އުނދަގޫ ވުންފަދަ ކަންކަން ވާނެ."
އޭގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، އެހެން މީހުންނަށް ބަރޯސާވާންޖެހުން ފަދަ ހާލަތްތައް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔަވައި ދިނުމުގެ މައްސަލައެއްތަ؟ ސިލަބަހަށް ގެނައި ބަދަލުތަ؟
ހިސާބު މާއްދާއަކީ އާންމު ދިރިއުޅުމަށް އެހާ މުހިންމު މާއްދާއަކަށްވާއިރު އެ މާއްދާއަށް ދަރިވަރުން ދަށްވާ ސަބަބެއް ވެސް އޮންނާނެކަން ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ނަތީޖާ އިން ސާފެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ލީޑިން ޓީޗަރުންނާއި ހިސާބު އަދި އެކައުންޓް ކިޔަވައިދޭ ޓީޗަރުން ގަބޫލުކުރާ ގޮތުގައި އެ މައްސަލަ ދިމާވަނީ ކިޔަވައިދިނުމުގެ ފެންވަރާއި ދަރިވަރުންގެ ހިތްވަރާއި އެ މާއްދާއަށް އޮންނަ ލޯތްބާއި އެ ދަރިވަރަށް މުގައްރަރުގެ އުނދަގޫކަމާއި ފަސޭހަކަމުގެ މައްޗަށެވެ.
ހިސާބަކީ ހަމައެކަނި ފޮތުގައި ހުންނަ ފޯމިއުލާތަކެއް ދަސްކޮށްގެން ނިންމާލެވޭނެ މާއްދާއެއް ނޫނެވެ. ބައެއް ފަހަރު ޓީޗަރުންނަށް ދަރިވަރުންގެ ފެންވަރާ އެއްވަރަށް ކަންކަން އޮޅުންފިލުވައިދިނުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.
"ޕްރައިމަރީ ގްރޭޑްތަކުގައި މިހާރު އެހާ ބޮޑަށް ކިޔަވައިދިނުމެއް ނޯވޭ، ކުރިން އޮންނަ ގޮތަކަށް. އަހަރުމެން ކުޑައިރު ގަދަކަމުން ވިޔަސް ނަވަތަ ދަސްކުރުވާނެ، ކުރަން ޖެހޭނެ. އެކަމަކު މިހާރު އެކަމެއް ވެސް ނޯވޭ. ދަރިވަރުން ވިސްނަން އެއްވެސް ފުރުސަތެއް މިހާރު ނޯވޭ، ހަމައެކަނި ހިތުދަސްކުރުން މި އޮންނަނީ ބޮޑަށް،" ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރަކު ވިދާޅުވި އެވެ.
"އަނެއް ކަމަކީ އަހަރުމެން ކުޑައިރު، ނޫނީ އޭރު އޯ ލެވެލް ހެދިއިރު އަންނަ ތްރީ ޑިޖިޓް އެޑިޝަން އެބަ ކިޔަވައިދޭ މިހާރު ގްރޭޑް 1ގައި ވެސް. އެއާ އެއްކޮށް އަންނާނެ ޕްރޮބަބްލިޓީ، ސްޓެޓިސްޓިކްސް ހަމަ އޯ ލެވެލްގައި މި އިންނަ އަށް ކޮންސެޕްޓް އޮވޭ ގްރޭޑް 1ގެ ހިސާބުގައި ވެސް."
އޭނާ ވިދާޅުވީ ކަރިކިއުލަމަށް ގެނައި ބަދަލާއެކު ޕްރައިމަރީ ގްރޭޑްތަކުގެ ސިލަބަހަށް ގެނައި "ބޮޑު" ބަދަލަކީ ނަތީޖާ ދަށްވުމުގެ އެއް ސަބަބަށް ވެދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ކިޔަވައިދޭ ސިލަބަހަކީ ދަރިވަރުންނަށް އޮތް ގޮންޖެހުމެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އޭގެ ބައެއް ބައިތަކަކީ ދަރިވަރުންގެ އުމުރާއި ބުއްދީގެ ފެންވަރަށް ބަލާއިރު މާ ބުރަ ބައިތަކެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ޕްރައިމަރީ މަރުހަލާގައި ބިންގާ ރަނގަޅަށް ނޭޅި، ސެކަންޑަރީ މަރުހަލާގެ ބުރަ ސިލަބަހަކާ ކުރިމަތިލާން ޖެހުމުން ދަރިވަރުން މާޔޫސްވަނީ ކަމަށެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނީ ކަރިކިއުލަމް އަލުން ރިފޯމް ކުރުމުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"މި ބުނަނީ ކަރިކިއުލަމް އެއްކޮށް ބަދަލުކުރާށެކޭ ނޫން. މިސާލަކަށް މިހާރު ގްރޭޑް 6ގައި ކިޔަވާފައި ހުރި އެއްޗެހި ހަމަ މި ޖެހެނީ ގްރޭޑް 7ގައި ވެސް ކިޔަވަން. ބަދަލު ކުރަންވީ ކީ ސްޓޭޖް 2 [ގްރޭޑް 4 އަދި 5] އެއްކޮށް ނިމެންވާއިރަށް ދަރިވަރަށް އިނގޭ ވަރަށް، ގްރޭޑް 4 ގައި އެ އެއްޗެއް އެއްކޮށް ކިޔަވައިދީ އެއްކޮށް ނިންމާފައި އަނެއްކާ 5 ގައި ވެސް ކިޔަވައިދޭ ގޮތަށް އޮތް އޮތުން ބަދަލުކުރާށޭ،" ކަރިކިއުލަމަށް ގެންނަވީ ބަދަލުގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ސެކަންޑްރީ ހިސާބު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރުގެ ލީޑިން ޓީޗަރަކު ވިދާޅުވި ގޮތުގައި ކުދިންގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނަން މިހާރު ނޫޅޭ ކަމަށެވެ.
"ގްރޭޑް 10އާ ހަމައަށް އަންނައިރު އެ ކުދިންގެ ވިސްނުން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ނުހުންނާތީ ނަތީޖާ ގެންނަން އުނދަގުލީ. ކުރިން ކުދިންނަށް މެންޓަލް މެތްސް އަޅުގަނޑުމެން ކިޔަނީ، ހިތުހިސާބު އެނގޭނެ. ނަވަތައަށް ވެސް ވަގުތު ދެވޭ ގޮތަކަށް ނޫން ފޮތްތައް މިހާރު ހަދާފައި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.
އިތުރު މައްސަލައެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ސިލަބަސްއެއް ނިންމަން ޖެހުމެވެ. ބެލެނިވެރިންގެ ޕްރެޝަރާއި ނެޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިގެ) އުސޫލުގައި އޮންނަ ގޮތުން ސިލަބަސް ނިންމަން މަޖުބޫރު ވަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވަރަށް އާންމު ވެއްޖެ ގިނަ ޓީޗަރުން ޔޫޓިއުބުން ވީޑިއޯ ދައްކައިގެން ކިޔަވައިދިނުން، އެއީ ވެސް ކުދިންނަށް އެއްޗެހި އެހާ އޮޅުންފިލާ ކަމަށް އަސްލު ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުންގެ ނަތީޖާއާ ގުޅިފައިވާ އަނެއް މައްސަލައަކީ ކިޔަވައިދޭ ޓީޗަރުންގެ ފެންވަރެވެ. ހާއްސަކޮށް ބިދޭސީ ޓީޗަރުންނެވެ. "ފޭކް ސެޓްފިކެޓުގައި" ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ގެންނަ މައްސަލައަކީ ބޮޑު މައްސަލައެކެވެ.
މި ފަހުން ރަށެއްގެ ސެކަންޑްރީ ގްރޭޑަށް ކިޔަވައިދޭން ގެނައި އިންޑިއާ ޓީޗަރަކީ ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭ ފެންވަރު ނެތް މީހެއްކަން ޓީޗަރުންގެ ލެސަން އޮބްޒަވޭޝަންއިން ފާހަގަވެ، އެ ޓީޗަރު ޖެހުނީ އަނބުރާ ފޮނުވާލާށެވެ.
މީގެ ތިން އަހަރު ކުރިން 2023ގައި ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދި މީހަކު ރާއްޖޭގެ ސްކޫލެއްގައި ކިޔަވައި ދޭން އުޅޭކަން ފަޅާއެރި އެވެ. ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދެމުން އައި އެ ޓީޗަރުގެ މައްސަލަ ފެންމަތިވި ހިސާބުން އޭނާ ރާއްޖެ އަށް ނާދެވޭ ގޮތަށް ހަދައި އެޑިއުކޭޝަން މިނިސްޓްރީން އެ މީހާ ޑީޕޯޓް ކޮށްލި އެވެ.
"ފެންވަރުދަށް ޓީޗަރުން ނޫޅޭކޭ ނޫން. އެކަމަކު އަސްލު ސްކޫލުތަކަށް އެނގެން ޖެހޭނެ، އެއީ ކޮންމެ ސެމިސްޓާއަކު ތިން ފަހަރަށް ކޮންމެ ޓީޗަރެއްގެ ލެސަން އޮބްޒަވޭޝަން ހަދާނެ، އޭގެން އިގެންވާނެ އެ ޓީޗަރެއްގެ ފެންވަރު. ބަލަންވާ ވަރަށް ނުބަލާތީ ކަންނޭގެ އަދިވެސް އެކަހަލަ ކަންކަން ފާހަގަ ނުވަނީ،" ޓީޗަރަކު ވިދާޅުވި އެވެ.
ހިސާބު މާއްދާއިން ދަރިވަރުން ދަށްވަނީ ވަކި ކަމެއްގެ ސަބަބުންނޭ އަދި ބުނެވޭކަށް ނެތެވެ. އެއީ ޓީޗަރުންގެ ކިޔަވައިދިނުމުގެ އުސޫލުތަކާއި ދަރިވަރުންގެ ވިސްނުމާއި ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅިފައިވާ ކަމަކަށްވާތީ އެވެ. ކިޔަވައިދިނުމުގައި ބޭނުންކުރާ އުސޫލުތައް ހަމައެކަނި އިމްތިހާނަށް އަމާޒުކޮށްފައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ހިސާބުގެ ފޯމިއުލާތައް ދަސްކުރި ނަމަވެސް އެ ފޯމިއުލާތައް އާންމު ދިރިއުޅުމުގެ ކަންކަމާ ގުޅުވަން ކުދިންނަށް ދަސްނުވާތީ އެވެ.
މިކަމަށް ހޯދަން ޖެހިފައި އޮތީ ހައްލެކެވެ؛ ޓީޗަރުންނާއި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނަށް ވެސް މިކަމަށް އެއްބަސްވެވެ އެވެ. އެއީ މިހާރު ކިޔަވައިދެމުން އަންނަ މުގައްރަރު މުރާޖައާކޮށްގެން ނުވަތަ ޓީޗަރުންނާ އެކު މައްސަލަތައް ދެނެގަނެ ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަން އޯ ލެވެލްގައި ދަރިވަރުންގެ ފާސްވާ ޕަސެންޓޭޖުން ސާފެވެ.