ދަތުރުދާ ރަށެއް ކޮންމެ އަތޮޅެއްގައި ހަދަން ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށްފި އެވެ.
ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ހެދުމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެކަަމަކު އެ އިއުލާނު މިހާރު ބާތިލުކޮށްފައިވާއިރު އެ ސަބަބެއް މިނިސްޓްރީގެ އިއުލާނުގައި ނެތެވެ.
އެކަމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރަން ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރަން ވާނެ ވެސް އިއުލާނުގައި އޭރު ހުޅުވައިލި އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ކޮންމެ އަތޮޅަކުން ވެސް އެއް ރަށް ދަތުރުދާން ހާއްސަކޮށް، އެކަމަށް ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމުން ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަަމަށާއި ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ހެދުމުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.