ފަލަސްތީނުގެ ޣައްޒާ ތަރައްގީކުރާނެ ގޮތް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ މަންދޫބު، ދަނބިދަރިފުޅު ޖެރަޑް ކުޝްނާ މިއަދު މާސްޓަ ޕްލޭނެއް ދައްކާލައިފި އެވެ.
ސްވިޓްޒަލެންޑުގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އާ އެކު މި ޕްލޭން އިއުލާނުކުރައްވަމުން ކުޝްނާ ވިދާޅުވީ މިއީ "ފްރީ މާކެޓް ޕްރިންސިޕްލް" އަށް ތަރައްގީކުރާ ސިޓީއަކަށް ވާނެ ކަމަށެވެ.
ޣައްޒާ އޮންނާނެ ގޮތް ކަމަށް ބުނެ، އައްސޭރިފަށުގެ އުސް އިމާރާތްތަކާ އެކު ތަރައްގީކޮށްފައިވާ ތަނެއްގެ ކުރެހުންތައް ވަނީ ދައްކާލައިފަ އެވެ.
ޕްލޭންގައި ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކުރާނެ މި ޕްރޮޖެކްޓުގައި ޣައްޒާގެ އާންމު ހިދުމަތްތަކާއި ޔޫޓިލިޓީ ހިދުމަތްތައް ވެސް ތަރައްގީކުރާނެ އެވެ. މިއީ ހަ ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މަޝްރޫއެއް ކަމަށާއި މަސައްކަތް ކުރިއަށް ގެންދާނީ ޣައްޒާގެ ދެކުނުން ފަށައިގެން އުތުރަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ފަށާނީ ރަފަހް އާއި ޚާން ޔޫނިސްގެ އެއް ބައި ކަމަށާއި އޭގެ ފަހުން ދެ ވަނަ ފިޔަވަހީގައި ޚާން ޔޫނިސްގެ ބާކީ ބައިތައް ތަރައްގީކުރަން ވަނީ ހިމަނައިފަ އެވެ. ތިން ވަނަ ފިޔަވަހީގެ އަމާޒަކީ މެދުތެރޭ ޣައްޒާގައި ރެފިއުޖީ ކޭމްޕުތައް ތަރައްގީ ކުރުމެވެ.
މި ހުށަހެޅުމުގައި، އާ އެއާޕޯޓަކާއި ބަނދަރަކާއި ފްރައިޓް ލައިނަކާއި ލޮޖިސްޓިކްސް ކޮރިޑޯއެއް އެޅުމާއި، ރަފަހްގައި އާ ޓްރައިލޭޓަރަލް ކްރޮސިން އެޅުމާއި، ޣައްޒާގެ އާބަން ސެންޓަރުތައް ގުޅުވައިދޭ އާ މަގުތައް ހެދުން ވެސް ހިމެނެ އެވެ.
މި ކަންކަމުގެ އިތުރުން ޣައްޒާގެ އައްސޭރިފަށުގައި "ކޯސްޓަލް ޓޫރިޒަމް" އަށް ހާއްސަކޮށްފައިވާ ސަރަހައްދުތައް ހިމަނާފައިވާއިރު، 180 "މިކްސްޑް ޔޫސް ޓަވަރު" އެޅުމަށް ވަނީ ރާވައިފަ އެވެ. އަދި މެދުތެރޭގެ ސަރަހައްދުތަކުގައި ހަދާނެ ކަމަށް ބުނެފައިވަނީ މީހުން އުޅޭ ރެސިޑެންޝަލް ނެއިބަހުޑްތަކާއި ސިނާއީ ސަރަހައްދުތަކާއި ޑޭޓާ ސެންޓަރުތަކާއި ޒަމާނީ މެނުފެކްޗަރިން ފެސިލިޓީތަކެވެ.
ވިޔަފާރި ކުރިއެރުވުމަށް ކޮމާޝަލް ޒޯންތަކާއި، ބިޒްނަސް ޑިސްޓްރިކްޓްތަކާއި، ވިޔަފާރިތައް ކުރިއަރުވަން ގްރާންޓުގެ ގޮތުގައި ދިނުމަށް ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ހަދަން ވެސް ޕްލޭނުގައިވެ އެވެ.
"ނިއު ރަފަހް" ގެ ނަމުގައި ކުޝްނާ ދެއްކެވި ސްލައިޑް ޕްރެޒެންޓޭޝަންގައި 100،000 ހައުސިން ޔުނިޓް އެ ސިޓީގައި ހެދުމުގެ އިތުރުން 200 އަށް ވުރެ ގިނަ ތައުލީމީ މަރުކަޒާއި 75 މެޑިކަލް ސެންޓަރާއި ސަގާފީ 180، ދީނީ އަދި ވޮކޭޝަނަލް ސެންޓަރުތައް ގާއިމުކުރާނެ ކަމަށް ވެސް ބުންޏެވެ.
ކުޝްނާގެ ސްލައިޑެއްގައި ބުނެފައިވާ ގޮތުގައި 2035 ވަނަ އަހަރު އަންނައިރު ޣައްޒާގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގޭބިސީތަކުގެ އެވްރެޖް އާމްދަނީ 13،000 ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކުޝްނާ ވިދާޅުވީ ވައިޓް ހައުސް އިން މަސައްކަތްކުރަނީ ޣައްޒާއަށް "ފްރީ މާކެޓް އިކޮނޮމީ ޕްރިންސިޕަލްސް" ގެންނަން ކަމަށާއި އެއީ ޓްރަމްޕު އެމެރިކާގައި ވެސް ގެންގުޅުއްވާ ވިސްނުމާއި އެޕްރޯޗް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމާސް ހަތިޔާރު ބަހައްޓަން ޖެހޭނެ: ކުޝްނާ
ކުޝްނާ ވިދާޅުވީ ޣައްޒާގައި ހަމާސްގެ ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން، ބަރު ހަތިޔާރު ހަމާސް އިން ވަގުތުން ދޫކޮށްލަން ޖެހޭނެ އެވެ. އަދި ލުއި ހަތިޔާރު މަޑުމަޑުން މަދުކޮށް، އެ ހުރިހާ އެއްޗެއް ޣައްޒާގެ އާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ދެ އަހަރު ވަންދެން ދިން ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާނީ ހަމާސް އިން ހަތިޔާރު ބެހެއްޓުމުން ކަމަށް ކުޝްނާ ވިދާޅުވި އެވެ.
ޓްރަމްޕުގެ ހާއްސަ މަންދޫބު ހާމަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިންގެ ތެރެއިން ހަތިޔާރު ދޫކޮށްލައި އަމާންދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެ އެވެ. އަދި ޣައްޒާގައި އަލަށް އުފައްދާ ފުލުހުންގެ ހިދުމަތާ ގުޅުމުގެ ފުރުސަތު އެ މީހުންނަށް ދޭނެ އެވެ.
ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން އިޒްރޭލު ސިފައިން ޣައްޒާގެ ވަށައިގެން ކަނޑައަޅާފައިވާ ހިސާބަކަށް ފަހަތަށް ޖެހުން ވެސް ހިމެނެ އެވެ.
ކުޝްނާ ވަނީ ޓްރަމްޕުގެ ދައުވަތު ގަބޫލުކޮށް ބޯޑް އޮފް ޕީސްގައި ބައިވެރިވި އިޒްރޭލާއި ތުރުކީ އަދި ގަތަރު ފަދަ ގައުމުތަކަށް ފާޑުކިޔައި ވާހަކަ ދައްކާ މީހުން އަދި "30 ދުވަސް ވަންދެން ހިމޭނުން ތިބެން" ވިދާޅުވެފަ އެވެ.
މި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމާ ބެހޭ ބައްދަލުވުމެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ އެމެރިކާގައި ބާއްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.
ބޯޑް އޮފް ޕީސް އަކީ ތިން އަހަރު ދުވަހަށް ހަދާ ބޯޑެއް ކަމަށް ޗާޓަރުގައި އޮތަސް އޭގައި ބުނަނީ ފުރަތަމަ އަހަރުތެރޭ 1 ބިލިއަން ޑޮލަރު ދޭ ގައުމުތަކަށް ދާއިމީ މެންބަރުކަން އެ ބޯޑުން ލިބޭނެ ކަމަށެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުން މި ބޯޑުގައި ބައިވެރިވާން ނިންމާފައި ވާއިރު ޔޫރަޕްގައި މި ބޯޑާ މެދު ސުވާލުތައް ގިނަވެ، ފްރާންސުން ވަނީ ބައިވެރިނުވާން ނިންމައިފަ އެވެ. ޔޫކޭ އާއި ޔުކްރެއިނުން ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހިމެނޭ ނަމަ އެ ބޯޑެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ނޯވޭއިން ވަނީ ބޯޑަށް ނޫނެކޭ ބުނެފަ އެވެ.