މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން އެދިއްޖެ އެވެ.

ބްލަޑް ސާވިސްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ލޭ ހޯދަން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އެމްބީއެސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ލޭ ހަދިޔާކުރާ ޑޯނަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"ޑޯނަރުން ނުލިބިގެން ކުދިން އުޅޭތީ ޖަހާލީ ޕޯސްޓެއް. ހުރިހާ ވައްތަރެއްގެ ލޭ ވެސް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އެމްބީއެސްއިން މިއަދު އާންމުކުރި ޕޯސްޓުގައި ލޭ އެންމެ ބޭނުންވާ ވައްތަރުތައް:

  • އޭ ޕޮޒިޓިވް
  • އޯ ޕޮޒިޓިވް
  • އޯ ނެގެޓިވް
  • ބީ ޕޮޒިޓިވް 
  • ބީ ނެގެޓިވް
  • އޭބީ ޕޮޒިޓިވް

ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް އެ ގަޑިތަކުގައި ދިއުމުން ލޭ ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން 45 ކިލޯއަށް ވުރެ ބަރު މީހުންނަށެވެ.

ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކެއުމަށް ބްލަޑް ސާވިސްއިން އެދެ އެވެ.