ސަރުކާރަށް ތަަރައްގީ ނުގެނެވުމަކީ އެކަން ކައުންސިލްތަކުގެ ބޮލުގައި އަޅުވަންޖެހޭ ކަމެއް ނޫން ކަމަށާއި އަދި ސަރުކާރުގެ މަޝްރޫއުތައް ހުއްޓިގެން އުޅެނީ ކައުންސިލްތަކާ ހެދި ނޫން ކަމަށް ބުނެ އެމްޑީޕީން މިއަދު ރައްދު ދީފި އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަސް އަޅައި، ބުރަކި ޖައްސަން ބައެއް ކައުންސިލްތަކުން އުޅޭ ކަމަށާއި މިހާރު ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ވެސް ލަސްވެފައިވަނީ ކައުންސިލްތަކާ ހެދި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން ކަމަށާއި އެއީ ވެރިކަމުގެ ފަށަލައެއް ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި ހޮވަން ޖެހެނީ އެކަން ގަބޫލުކުރާ، ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޑެޕިއުޓީ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓުގެން އުޅެނީ އެކަމަށް ބޭނުންވާ ފައިސާ އާއި އިންތިޒާމްތައް ހަމަނުޖެހިގެން ކަމަށެވެ. އަދި ހިންގާ މަޝްރޫއުތައް ސަރުކާރުން ކަނޑައަޅައި، ވަފުދުތަކާއެކު ރަށްރަށް ވަޑައިގެން އެ ތަންތަނުގައި ބިންގާ އަޅައި، އޭގެފަހުން އެ މަޝްރޫއުތައް ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލު ނުކުރާތީ ކަމަށް ރައީސް ވިދާޅުވުމަކީ ހެއްވާ ވާހަކައެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ކިހިނެއްތޯ ރައީސް ރަށަކަށް އަރާވަޑައިގެން ބިން ހަމަނުޖެހެނީސް ބިންގާ އަޅަނީ. މީގަ އޮތީ ދެ ގޮތެއް. އެއީ ހަމަ ސީދާ މަޝްރޫއު ނުހިންގަން ވެގެން ދައްކާ ވާހަކައެއް ނޫނިއްޔާ ކައުންސިލްތަކުގެ އަގު ވައްޓާލަން ކުރާ މަސައްކަތެއް،" ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލްތަކަކީ ހަމައެކަނި ސަރުކާރުން ބުނާ ކަންކަން އެ ބުނާ ގޮތަކަށް ކުރާ ބައެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. ނަމަވެސް ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށާއި އަދި ވަކި މަޝްރޫއުތަކާއި ޕްލޭންތައް ހިންގުމުގެ ބާރު އޮތް ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެބަ ބުނޭ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ ބައެއް ނޫނޭ. ރަނގަޅު ވާހަކައެއް، އެކަމަކު ރައްޔިތުންނަށް ޖަވާބުދާރީވާން ކައުންސިލްތަކަށް ޖެހޭ. އެއީ ކޮންމެ ދުވަހަކު ރައްޔިތުންނާ ފޭސްކުރާ ބައެއް،" ނިޔާޒު ވިދާޅުވި އެވެ.
ކައުންސިލްތަކުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ނުހިނގާ ސަބަބު ބުނެދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވުން ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކާ ހެދި މަޝްރޫއުތައް ނުހިނގާ ކަމަށް ސަރުކާރުން ބުނާނަމަ، އެއީ ކޮން ރަށެއްގައި ހިނގާ ކޮން މަޝްރޫއުއެއް ކަން ވެސް ބުނެދޭން ޖެހޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެކަން ސަރުކާރަށް ބުނެ ނުދެވޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ ތަރައްގީ ގެނެވޭނީ ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ކަަމަށް ދައްކާ ވާހަކައަކީ ވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަކީ ސަރުކާރު ކެންޑިޑޭޓުންނަށް ނޫނަސް ފޯރުކޮށްދެވޭނެ ކަންކަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.