ސަރުކާރުގެ ހަރަދުގައި އައިވީއެފް ހެދުމަށް 130 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 39 މީހުން ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.
އެ އެޖެންސީން ބަލަހައްޓާ ފާޓިލިޓީ ކެއާ ފަންޑުން މިދިޔަ އަހަރު އެހީއަށް އެދެން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ މުއްދަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހަމަވިއިރު ޖުމްލަ 135 މީހުން ކުރިމަތިލި އެވެ.
އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 މީހުންނަށް އައިވީއެފްގެ ފުރުސަތު ދޭން ނިންމާފައި ވިޔަސް، ޝަރުތު ހަމަވީ 39 މީހުންނެވެ.
އެންސްޕާއިން ބުނީ ވަން.ގަވް މެދުވެރިކޮށް އެ ލިސްޓަށް އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދިި އެއަށްފަހު، ދާއިމީ ލިސްޓު ނެރޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
ފުރަތަމަ ބުރުން ޖާގަ ލިބުނު މީހުން ފަރުވާގެ ޕްލޭން ގެންދާނެ ގޮތް ވެސް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވަނީ އެދިފަ އެވެ.
އެ އުސޫލުގައިވާ ގޮތުން އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. އަދި ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެފައިވާތީ އައިވީއެފްއަކީ އެ މީހަކަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.
އެ އެހީއަށް 2024 ވަނަ އަހަރު ވެސް 100 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލިއިރު، 93 ދެމަފިރިއެއްގެ އައިވީއެފްއަށް 7.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.
ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.
ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ. އަދި އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެތަނުން ފަރުވާ ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު މި މަހުގެ ކުރީކޮޅު ވަނީ ވިއްސައިފަ އެވެ.