އަންނަ މަހުގެ މެދު ތެރޭގައި ފެށޭ މިއަހަރުގެ ރޯދަ މަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ކަލަންޑަރު އިއްޔެ މިނިސްޓްރީން ވަނީ އަލުން އާންމުކޮށްފަ އެވެ. އޭގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ދަރިވަރުންނާއި ޓީޗަރުންނަށް ބަންދު ދުވަސްތައް ވެސް އާންމުކޮށްފަ އެވެ.
އެކަޑަމިކް ކަލަންޑަރުގެ ބައެއް ދުވަސްތައް
- ޖެނުއަރީ 27، ދިރާސީ އާ އަހަރު ފެށުން
- ފެބުރުއަރީ 18، ރޯދަ މަހުގެ ފުރަތަމަ ދުވަސް
- ފެބުރުއަރީ 19، ސްކޫލްތައް ބަންދު ދުވަހެއް
- ފެބުރުއަރީ 22 އިން 26 އަށް ކިޔެވުން އޮންނާނެ
- ޖެހިގެން އަންނަހަފުތާ ބަންދަށް ފަހު މާޗް 1-8 އަށް ޕީޑީ ޑޭ
- މާޗް 9-22 އަށް ސަރުކާރު ބަންދު، (ރޯދަ މަހުގެ ފަހު 10 އަދި އީދު)
- ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާނީ މާޗް 23 ގައި
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ ފެބުރުއަރީ 18 ގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ އަންގާރަ ދުވަހު ދިރާސީ އާ އަހަރު ފަށައި ކިޔެވުން ކުރިއަށް ގެންދާނީ އެއް މަސް ދުވަހަށެވެ. އޭގެ ތެރެއިން ކިޔަވައިދޭ ފަހު ހަފުތާ ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށެވެ. އެއީ އެ މަހުގެ 22 އިން 26 އަށެވެ.
އެއަށް ފަހު ޖެހިގެން އަންނަ ހުކުރާއި ހޮނިހިރަށް ފަހު މާޗް 1 ވަނީ ޓީޗަރުންގެ ޕީޑީ ދުވަހަށެވެ. ޓީޗަރުންނަށް ހާއްސަ އެ ދުވަސް އެއް ހަފުތާގެ ނިޔަލަށް ކުރިއަށް ގެންގޮސް ނިންމާލާނީ އެ މަހުގެ 8 ގަ އެވެ. އެ ދުވަސްތަކުގައި ދަރިވަރުން ކިޔަވަން ސްކޫލަށް ދާން ނުޖެހޭ ދުވަސްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
އެ މަހުގެ ނުވަ ވަނަ ދުވަހަކީ ރޯދައިގެ ފަހު 10 ފެށޭ ދުވަހެވެ. ފަހު 10 ސަރުކާރު ބަންދު ކޮށްފައި އޮތުމުން އެ ދުވަސްތަކަކީ ވެސް ދަރިވަރުންނަށް ބަންދު ދުވަސްތަކެކެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަސް ވަނީ މާޗް މަހުގެ 20 ވަނަ ދުވަހަށެވެ. ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނެ ކަމަށް ކަލަންޑަރުގައި ވަނީ މާޗް 23 ގަ އެވެ.