ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ހޮވަން މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެންމެން އެކުވެގެން އެ ޕާޓީއާ އެކު ކުރިއަށް ދާން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުގެ ރޭހުގަ އެވެ. އެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން އަލީ އާޒިމަކީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީ ދެބައިވެ، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދިއިރު އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކުރިން ޕާޓީ ދޫކޮށް ދިޔަ ބައެއް ބޭފުޅުން އެނބުރި ވަޑައިގަތީ އެކުގައި މަަސައްކަތްކުރަން ބޭނުންވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް، ޕާޓީއާއެކު ކުރިއަށް ދާން އެމަނިކުފާނު ވަޑައިގަތެވެ.
"އެހެންވީމާ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތަސް، އަޅުގަނޑަކަށް ނޭނގޭ ކޮން ނަތީޖާއެއް ކަމެއް ނުކުންނާނީ. ވޯޓު ގުނީމާ އެނގޭނީ، ވާދަވެރި ކެމްޕެއިނެއް ހިނގަމުން އެ ދިޔައީ. އެހެންވީމާ ނިމުނީމާ ކޮންމެ ބޭފުޅަކު ބަލިވިޔަސް، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވިޔަސް އަނެއްކާވެސް އެންމެން އެއްވެގެން ކުރިއަށް ދިއުން އެއީ އަޅުގަނޑުގެ އެދުމަކީ،" އިބޫ ވިދާޅުވި އެވެ.
އިބާރު ވިދާޅުވީ އެ ނޫން ގޮތަކަށް އަމަލުކޮށްފިނަމަ އެމްޑީޕީއަށް ދެރަ ގޮތްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އަށެވެ. އަދި އެހެން ނުވާނެ ގޮތަކަށް ޕާޓީގެ މެންބަރުންނާއި ލީޑަޝިޕުން މަސައްކަތް ކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.