ރާއްޖޭން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް، ވްލަޑިމިއާ ޕުޓިންއަށް އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުވުމަށްފަހު، ސަފީރު އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ޕުޓިންއަށް އަރިސްކުރައްވާފައި ކަމަށެވެ.
ރައީސް މުއިއްޒު، ރަޝިއާއަށް ރާއްޖޭން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ، މިދިޔަ މާޗް މަހު އެވެ.
ސަފީރު އަބްދުއްރަހީމް މިހާރު ހުންނެވީ ތުރުކީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.
ރާއްޖެ އާއި ރަޝިއާ އާދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.