މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން އަންނަ މަހު ފަހެއްގައި ބާއްވަން ނިންމައިފި އެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން އަންނަ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ބައްދަލުވުން ބާއްވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ 8:45 ގައި މާލެ ސިޓީ ހޯލް (ބޮޑުތަކުރުފާނު މަގު) ގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވާއިރު، މިހާރު ހިންގާ ކައުންސިލްގެ ދައުރު އަންނަ އެޕްރީލް މަހަށް ހަމަވާނެ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި، ކައުންސިލްތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކު ބައްދަލުވުންތައް ބާއްވަން ޖެހެ އެވެ. މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ވެސް ރައްޔިތުންނާ އެކު ދެ ބައްދަލުވުން ބާއްވާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށް ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.